ދުނިޔެ

ޑަބްލިއު އެޗް އޯއިން ރާއްޖެއަށް ދޭ އެހީ އިތުރުކުރަން ނިންމައިފި
 


ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއު އެޗް އޯއިން ރާއްޖެއަށާއި ދެކުނު އޭޝިޔާ ސަރަހައްދަށް ދޭ އެހީ އިތުރުކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


 
އެ ޖަމާއަތުން ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކަށް ދެމުންދިޔަ އެހީތައް ވޭތުވެދިޔަ ތިން އަހަރު ކުޑަކޮށްފައި އޮތުމަށްފަހު ބޮޑުކުރުމަށް ނިންމާފައިވަނީ، އެކަމަށް މި ސަރަހައްދުގެ ގައުމުތަކުން ލޮބީ ކުރުމުން ކަމަށް މައުލޫމާތު ލިބެއެވެ. ހެލްތު މިނިސްޓަރ ޑރ.މަރިޔަމް ޝަކިލާ ވިދާޅުވީ ޑަބްލިއު އެޗް އޯގެ ނިންމުންތައް ނިންމާ އެގްޒެކްޓިވް ކޮމިޓީ ވޭތުވެދިޔަ ދައުރު ޗެއަރ ކުރައްވާފައިވަނީ އޮސްޓްރޭލިޔާގެ ބޭފުޅެއްކަމަށެވެ. ޑަބްލިޔު އެޗްއޯއިން ދެކުނު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކަށް ދޭ އެހީ މަދުކޮށްފައިވުމުން އެކަމުގެ އަސަރު މި ސަރަހައްދުގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


 
 


ޑަބްލިއު އެޗް އޯއިން ދޭ އެހީ އިތުރުކުރުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ތިން އެންބިއުލާންސް ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިތިން އެންބިއުލާންސް ބޭނުންކުރަން ނިންމާފައިވަނީ އަތޮޅުތަކުގައި ކަމަށާއި، އުތުރާއި މެދުރާއްޖެ ތެރެއާއި ދެކުނު ހިމެނޭ ގޮތުން ކޮންމެ ސަރަހައްދަކަށް އެންބިއުލާންސެއް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން އެންބިއުލާންސް ތަކުގައި ބޭނުން ކުރުމަށް އިމަޖެންސީ ކިޓްވެސް އެ ޖަމުއްޔާއިން ފޯރުކޮށްދޭން އެއްބަސްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.