ޚަބަރު

ބޮރޯޑްކާސްޓަރސް ލޮބީ ގްރޫޕުން ބްރޯޑްކާސްޓިންގ ކޮމިޝަނާއެކު މަޝްވަރާކޮށްފި
 


ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ދިމާވެފައިވާ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޮރޯޑްކާސްޓަރސް ލޮބީ ގްރޫޕުން ބްރޯޑްކާސްޓިންގ ކޮމިޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައިފިއެވެ.


 
މިބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ލޮބީ ގްރޫޕްގެ ފަރާތުން އަލީ ޚާލިދު ވިދާޅުވީ، މި ބައްދަލު ވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ، ރައިޓްސް ނެތް ފަރާތަކުން މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ މެޗްތައް ދައްކާ މައްސަލައާ މެދުކަމަށެވެ. އެގޮތުން ރައިޓްސް ނެތި ވޯލްޑްކަޕްގެ މެޗްތައްދައްކާ ފަރާތާމެދު ފިޔަވަޅުއަޅުއްވާނެކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެފައިވާ ކަމަށާ ކުރިޔަށްހުރި މެޗުތައް ފަށަންވާއިރަށް އެފަރާތާމެދު ކޮމިޝަނުން ގޮތެއް ނިންމަވާނެކަމަށް އުންމީދުކުރައްވާކަމުގައި ޢަލީ ޚާލިދު ވިދާޅުވިއެވެ. އަދި ވޯލްޑްކަޕްގެ ރައިޓްސްގަނެފައިވާ އެމް.ބީ.ސީ.އާ ވީޓީވީ ހިންގާ ފަރާތަށް އެޗްޑީކޮށް މެޗްތައްދެއްކުމުގެ ގާބިލުކަން އޮތްއިރު، ރީ ބްރޯޑްކާސްޓުކުރާ މީޑިއާނެޓް މެދުވެރިކޮށް އެޗެނަލްތަކުން މެޗްތައް އެޗްޑީކޮށް ނުދައްކާކަން ބްރޯޑްކާސްޓިން ކޮމިޝަނުގެ ސަމާލުކަމަށް ގެންނެވިކަމަށް ޢަލީ ޚާލިދުވަނީ ވިދާޅުވެފައިވެއެވެ.


 
ލޮބީގްރޫޕްން އިތުރައް ފާހަގަކުރެއްވި ކަންތައްތަކުގެ ގޮތުގައި ފާހަގަކުރައްވަމުން ޢަލީ ޚާލިދު ވިދާޅުވީ،  ބްރޯޑްކާސްޓަރުންގެ އަތުން ރައިޑިންގ ފީގެގޮތުގައި މަހަކު ސާޅީސްހާހާ އައްޑިހަހާހާ ދެމެދުގެ ފީއެއް ކޭބަލް އޮޕަރޭޓަރަށް ދައްކަން ޖެހޭ މައްސަލައާ، އިންޓަނެޓާ ކަރަންޓުގެ ފީ ބޮޑުއަދަދަކަށް ބްރޯޑްކާސްޓްކުރާފަރާތްތަކުން ދައްކަންޖެހޭތީ އެފީތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ގެނައުމަށް ގުޅުންހުރި މުއައްސަސާތަކާ ބްރޯޑްކާސްޓިންގ ކޮމިޝަން މެދުވެރިކޮށް ވާހަކަދައްކަވާ ދިނުމަށް ދަންނަވާފައިވާކަމަށެވެ. މިބައްދަލުވުމާބެހޭ ގޮތުން މީޑިޔާއަށް މައުލޫމާތު ދެއްވަމުން ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުޙައްމަދު ޝަހީބް ވިދާޅުވީ، ބްރޯޑްކާސްޓަރސް ލޮބީ ގްރޫޕާއެކު މިނިވަން މާހައުލެއްގައި ބޭއްވުނު ބައްދަލު ވުމަކީ ބިނާކުރުވަނިވި ބައްދަލުވުމެއް ކަމަށާ، ރައިޓްސް ނުހޯދާ ފަރާތަކުން ވޯލްޑްކަޕް ގެ މެޗްތައް ދައްކާ މައްސަލަ ކުރިޔަށްހުރި މެޗްތައް ފެށުމުގެ ކުރިން ބައްލަވައި ފިޔަވަޅުއެޅުމައް މަސައްކަތް ކުރައްވަމުންދާކަމަށާ އިތުރަށް ލޮބީ ގްރޫޕުން ފާހަގަކުރެއްވި ކަންކަން ބެލުމަށްފަހު ފާހަގަކުރެވުނު ކަންކަމާމެދު ގަވާއިދުތަކުގައިވާ ގޮތުގެ މަތީން ފިޔަވަޅުއަޅުއްވާނެކަމަށެވެ.


 
 


މިއަދުގެ ބައްދަލުވުމުގައި ރާއްޖޭގައި އެންމެ ފަރާތަކުން ކޭބަލް އޮޕްރޭޓް ކުރުމުގެ ބަދަލުގައި އެފުރުސަތު އެހެން ފަރާތްތަކަށްވެސް ދިނުމާމެދު މަޝްވަރާކުރެވުނުކަމަށް ލޮބީ ގްރޫޕުން މައުލޫމާތުދެއެވެ. މިހާރު ހިނގަމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ރައިޓްސް ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރެއް ހޯދާފައި ވަނިކޮށް އެހެން ފަރާތްތަކަކުން ވޯލްޑްކަޕްގެ މެޗްތައް ދައްކަމުންދާތީ ރައިޓްސް ހޯދި ބްރޯޑްކާސްޓަރުންނަށް ބޮޑެތި ގެއްލުން ވެފައިވާތީ، މިކަމަށް ޒިންމާވާ ފަރާތްތަކާމެދު އަވަހަށް ފިޔަވަޅު އެޅުމަށް ބްރޯޑްކާސްޓް ލޮބީ ގްރޫޕުން ދަނީ ބްރޯޑްކާސްޓް ކޮމިޝަނަށް ގޮވާލަމުންނެވެ.