ޚަބަރު

ގާކޮށި ހުސްކުރުމަށް އެމްޓީސީސީއިން ތައްޔާރުވެއްޖެ
 


މާލޭ އެއް ނަންބަރު ކުނި ކޮށި، ނުވަތަ ގާކޮށި ހުސްކުރުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމް.ޓީ.ސީ.ސީ.އިން ތައްޔާރުވެއްޖެއެވެ. އެގޮތުން މަސައްކަތަށް ބޭނުންވާ ބާޖު މާދަމާ މާލެ ގެނެވޭނެ ކަމަށާއި، ލޮރީތަކަށް ބޭނުންވާ ސްޕެއަރތައް މާލެ ގެނެވިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.


 
ނުވަދިހަ ދުވަހުގެ ތެރޭގައި ކުނިކޮށި ހުސްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އެމް.ޓީ.ސީ.ސީ.އާއި ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ޖޫން މަހުގެ ނަވާރަ ވަނަ ދުވަހުއެވެ. އެމް.ޓީ.ސީ.ސީ.އިން ބުނީ މަސައްކަތް ކުރިއަށްދާ ވަގުތު އެންމެ ބޮޑު ދައްޗަކަށް ވާނީ، ލޮރީތަކުގެ ޓަޔަރުތައް ފަޅައިގެން ދިއުމުގެ މައްސަލަކަމަށެވެ. އަދި މިފަހަރު މަސައްކަތް ފެށުމުގެ ކުރިން އެކަމަށް ދުރާލާ ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ. އެ ކުންފުނިން މި މަސައްކަތް މިހަފްތާގެ ކުރީކޮޅު ފެށުމަށް ތާވަލްކުރި ނަމަވެސް، ކުނި އުފުލުމަށް ބެނުންކުރާ ބާޖު ކުއްޔަށް ދީފައި އޮތުމުން މަސައްކަތް ލަސްވީ ކަމަށް އެކުންފުނިން ބުނެއެވެ. މި މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީ އަށް  21 މިލިއަން ރުފިޔާ ސަރުކާރުން ދީފައިވެއެވެ.


 
 


އެއް ނަންބަރު ކުނި ކޮށިން އަރާ ދުމާއި، އެތަނުން ދުވާ ނުބައި ވަހުގެ ސަބަބުން އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް އުނދަގޫވެ، މީގެ ކުރިންވެސް އެތަން ވަނީ އެއްކޮށް ސާފުކޮށްފައެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އުފެދޭކުނި މާލެއިން ބޭރުނުކުރެވޭތީ އަނެއްކާވެސް ކުނި ކޮށީގައި ވަނީ ގިނަ އަދަދަކަށް ކުނިތައް ޖަމާވެފައެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ އެއް ނަންބަރު ކުނި ކޮށީގައި ޖަމާވާ ކުނިތައް ދުވަހުން ދުވަހަށް މާލެއިން ބޭރު ނުކުރެވެނީ، އެކަމަށް ބޭނުންކުރި ގިނަ އުޅަނދުތައް ބާވެ، ހަލާކުވެފައި ވާތީ ކަމަށާއި، މިހާރު ބޭނުންކުރެވޭ ހާލަތުގައި އޮތީ ވަރަށް މަދު އުޅަނދުތަކެއް ކަމަށެވެ.