ޚަބަރު

ބުރާސްފަތިން ފެށިގެން އާދީއްތަ ދުވަހާ ހަމަޔަށް މަގު ބަންދުކުރުން މަނާކޮށްފި

 


އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމަޔަށް މަގު ބަންދުކޮށްގެން އެއްވެސް މަސައްކަތެއް ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ. މާލޭ ސިޓި ކައުންސިލް މެންބަރ އިބްރާހިމް ސުޖާއު ވިދާޅުވީ، މިގޮތަށް ހަމަޖެއްސީ އަންނަ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާ ދުވަސްކަމަށް ވުމާއެކު، ވޯޓްގެ އިންތިޒާމް ހަމަޖައްސާ ފަރާތްތަކަށް ދަތި ނުވެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަގު ތަނަވަސްކޮށްދީ، ވޯޓުލާން ދާ ފަރާތްތަކަށް ހިނގާބިނގާވެ އުޅުމާއި، ދަތުރު ފަތުރު ކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ކަމަށެވެ.


ބުރާސްފަތި ދުވަހު ހަވީރުން ފެށިގެން އާދީއްތަ ދުވަހާ ހަމަޔަށް މަގު ކޮނުމާއި، އިމާރާތްކުރުން ފަދަ ކަންކަމަށް މަގު ބަންދުނުކުރެވޭނެ ގޮތަށް ހަމަޖެއްސީ ފުލުހުންނާވެސް މަޝްވަރާކޮށްގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.  މީގެ އިތުރުންވެސް ވޯޓުލާ ދުވަހު މާލެސިޓީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމްއެންޑިއެފްއާއެކު މަޝްވަރާކުރަމުންދާ ކަމަށް ސުޖާ ވިދާޅުވިއެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދު ތަކުގައި ޕާކްކޮށްފައިވާ ތެޔޮ ބައުޒަރުތައް ރައްކާތެރި ސަރަޙައްދަކަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ސުޖާވިދާޅުވިއެވެ.


އަދި މިހާރު މާލޭގައި ބައެއް ސަރަޙައްދުތަކުގައި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައިހުރި ތެޔޮ ބައުޒަރުތައް އެމްއެންޑީއެފުން ފާހަގަކޮށް އެފަރާތްތަކަށް އެކަން އަންގާނެ ކަމަށް ސުޖާ ވިދާޅުވިއެވެ. އަދި މިހާރު ޤަވާއިދާއި ޚިލާފަށް ބަހައްޓާފައި ހުރި ބައުޒަރުތައް ޤަވާއިދުން ބެހެއްޓުމަށާއި، އެމްއެންޑިއެފްއާއި، ކައުންސިލުން މިމަސައްކަތް ކުރަމުންދާއިރު، ބައުޒަރުތަކުގެ ވެރިފަރާތުން އެއްބާރުލުން ދިނުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.


 


ސުޖާ ވިދާޅުވީ، އެމްއެންޑިއެފްއާއެކު މަޝްވަރާކުރަމުންދަނީ، ތެޔޮ ބައުޒަރުތައް ކާނިވާ ސަރަހައްދު މޫދާ ދިމާލުގައި ބެހެއްޓުމަށް ކަމަށެވެ. އަދި ތެޔޮ އަޅަން ބައުޒަރުތައް ގެންދިޔަނަމަވެސް ނިމިގެން ޕާކް ކުރުމަށް ބައުޒަރުތައް ގެންދާނީ، ކާނިވާ ސަރަހައްދަށް ކަމަށެވެ.
މީގެ އިތުރުންވެސް ނީލަން މުދާ ފިހާރަޔާއި، ކުނިގޮނޑު ސަރަޙައްދުގެ ސަލާމަތީ ކަންކަން އެމްއެންޑިއެފުން އިންތިޒާމް ކުރަމުންދާ ކަމަށް ސުޖާ ވިދާޅުވިއެވެ.