ދުނިޔެ

ސިޔާސީ މަޤުސަދުތައް ހާސިލްކުރުމަށް ޝަރުޢީ ދާއިރާ ބޭނުން ކުރާކަމުގެ ތުހުމަތު




 


ސިޔާސީ މަޤުސަދުތައް ހާސިލްކުރުމަށްޓަކައި ފަރަންސޭސިވިލާތުގެ ޝަރުޢީ ދާއިރާގެ ބޭނުން ކުރެވެމުންދާކަމަށް އެގައުމުގެ ކުރީގެ ރައީސް ނިކޮލައި ސާރކޯޒީ ތުހުމަތު ކުރައްވައިފިއެވެ.


 
ސާރކޯޒީ މިހެން ވިދާޅުވީ އޭނާގެ ވެރިކަމުގެ ދުވަސްވަރު ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވުމުގެ ތުހުމަތާއި ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައި ފަރަންސޭސި ފުލުހުން އޭނާ ހައްޔަރުކޮށްގެން  އިއްޔެ ކޯޓަށް ހާޒިރު ކުރުމަށްފަހު ދެއްވި ބަޔާނެއްގައެވެ. ފަރަންސޭސި ކުރީގެ ރައީސް ނިކޮލައި ސާރކޯޒީގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނާއި ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުން ކުރެއްވި ކަމުގެ ތުހުމަތުތަކުގެ ތެރޭގައި އޭނާ ފަރަންސޭސި ރިޔާސަތަށް އިންތިޚާބުވެ ވަޑައިގަތުމަށްޓަކައި ހިންގެވި ކޭންޕޭން ހަރަކާތްތަކަށް ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފީގެ އަތްޕުޅުން ޣައިރު ގާނޫނީ ގޮތެއްގައި 50 މިލިޔަން އެމެރިކާ ޑޮލަރު ހޯއްދެވުމުގެ ތުހުމަތު ހިމެނެއެވެ. އަދި އެދުވަސްވަރު މިފައިސާގެ މައްސަލަ ތަހްގީގް ކުރައްވަމުން ގެންދެވި ގާޒީ ގެލްބަޓް އެޒިބަޓްގެ ކިބައިން މިކަމާބެހޭ މައުލޫމާތު ހޯއްދެވުމަށް ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުންކުރެއްވި ކަމުގެ ތުހުމަތުވެސް ސާކޯޒީގެ މައްޗަށްވަނީ ކުރެވިފައެވެ.


 
 


މިތުހުމަތުތަކާ ގުޅިގެން ފަރަންސޭސި ފުލުން ސާކޯޒީ ހައްޔަރުކޮށް އޭނާ އިއްޔެ ކޯޓަށް ހާޒިރުކޮށްފައިވާއިރު ސާކޯޒީއަކީ ފަރަންސޭސިވިލާތުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ މިފަދަ މައްސަލަތަކެއްގައި ހައްޔަރުކޮށްގެން ކޯޓަށް ޙާޒިރުކުރެވުނު ފުރަތަމަ ޝަޚްސިއްޔަތެވެ. ފަރަންސޭސިވިލާތުގެ ކުރީގެ ރައީސެއް ކަމަށްވާ ޜާކް ޝިރާކުގެ މައްޗަށްވެސް 2011 ވަނަ އަހަރު ކޮރަޕްޝަނުގެ ތުހުމަތުގައި ޝަރީޢަތް ހިންގައި ކޯޓަށް ހާޒިރުކޮށްފައިވެއެވެ. ނަމަވެސް ޝިރާކް ކޯޓަށް ހާޒިރުކޮށްފައިވަނީ ސާކޯޒީ އިއްޔެ ކޯޓަށް ހާޒިރު ކުރިގޮތަށް ބަންދުގައި ބަހައްޓައިގެނެއްނޫނެވެ. އަދި ކޮރަޕްޝަނުގެ ތުހުމަތު ސާބިތުވުމުގެ ސަބަބުން ޖަލު ހުކުމެއްވެސް 2011 ވަނަ އަހަރުގެ ތެރޭގައި  ފަރަންސޭސި ކޯޓަކުން ޝިރާކްގެ މައްޗަށް އިއްވާފައިވެއެވެ. ނަމަވެސް މިއީ ތަންފީޒު ނުކުރާގޮތަށް އިއްވި ހުކުމަކަށްވާތީ ޝިރާކް ޖަލުގައި ބަންދުކޮށްފައެއްނުވެއެވެ.