ޚަބަރު

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ބިލު ތަސްދީޤުކުރެއްވުމަށް ފޮނުވައިފި




ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުރާސްފަތިދުވަހު ފާސްކުރި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ބިލު ތަސްދީޤުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.


މަޖިލީހުގެ އިދާރާއިން ބުނީ ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން، އެ ބިލު ތަޞްދީޤުކުރެއްވުމުގެ ކަންކަން ނިންމެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވެވީ މިއަދު ކަމަށެވެ.


ޖަލުތަކާއި ޕެރޯލުގެ ބިލަކީ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ފާސްކުރައްވާ ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް  ފޮނުއްވުމުން، މިބިލާމެދު ދެވަނަ ވިސްނުމަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން، އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބިލެކެވެ.


 


މިބިލު ދެވަނަ ފަހަރަށް މަޖިލީހުން ދިރާސާކުރުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު އޮތް ޖަލްސާގައި މިބިލު ފާސްކޮށްފައިވަނީ ތިރީސްނުވަ މެމްބަރުންގެ އިއްތިފާޤުންނެވެ. ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލަކީ ރާއްޖޭގެ ޖަލުތައް ހިންގުމާ ބެހޭ އެންމެހާ އުސޫލުތަކާއި، ޕެރޯލްއާ ބެހޭ އެންމެހާ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ. އެގޮތުން ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަނަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް ނުވަތަ ޑީޕީއާރުއެސްގެ ބަދަލުގައި މިބިލުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަމުގައި މުއައްސަސާއެއް އުފައްދަން މިބިލުގައިވެއެވެ.