ޚަބަރު

300 ފުލުހަކަށް ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފި




ބްލޫސް ހައުސިންގ ސްކީމްގެ ދަށުން އިމާރާތްކުރާ ތިންސަތޭކަ ފްލެޓް ލިބޭ ފުލުހުންނަށް ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.


ރޭ އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި ކޮމިޝަނަރއިން ފެށިގެން ލާންސްކޯޕްރަލް ރޭންކްގެ ފުލުހުން ހިމެނެއެވެ. ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ބްލޫސް ހައުސިންގ ސްކީމް ޕްރޮޖެކްޓް ލޯންޗްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.


މި ފްލެޓްތަކުގައި ސައުވީސް މަސްދުވަސް ފަހުން ދިރިއުޅެންފެށޭނަކަމަށާއި ފްލެޓް ލިބޭ މީހުން ކަނޑައެޅީ އާއްމު ހައުސިންގ ސްކީމްގެ ޕޮއިންޓް ދޭ އުސޫލުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތުދެއެވެ.


ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވީ ދައުލަތުގެ އެއްވެސް ފައިސާއެއް ނުހިމަނާ ހިންގާ މި ޕްރޮޖެކްޓަށް އެއްވެސް ހުރަހެއް މިހާރު ނެތްކަމަށެވެ. އަދި މިއީ ލަގްޒަރީ ފްލެޓްތަކެއްކަމަށާއި ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ ދެފުށްފެންނަގޮތަށްކަމަށެވެ.


މުސްތަގްބަލުގައި ފުލުހުންނާއެކު މަސައްކަތްކުރާ އާއްމު މުވައްޒަފުންނަށްވެސް މި ޕްރޮޖެކްޓް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށާއި ފެލްޓް ލިބުނު ކޮންމެ ފުލުހަކު ވިހި އަހަރު ދުވަހު ޚިދުމަތްކުރަންޖެހޭނެކަމަށް ޝަރުތުކޮށްފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.


މި ރަސްމިއްޔާތުގައި އެކްޓިން ހޯމް މިނިސްޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ ބްލޫސް ހައުސިންގ ސްކީމް މޮޑެލްއަކީ އެހެން ފަރާތްތަކަށްވެސް ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދެވިދާނެ މޮޑެލްއެއްކަމަށެވެ.


އަމިއްލަ ފަރާތެއް ކަމަށްވާ ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސް އިން އިންވެސްޓްކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ ދުއިސައްތަ ދިހަ އެޕާޓްމަންޓާއި ދެ ކޮޓަރީގެ ނުވަދިހަ އެޕާޓްމަންޓް އިމާރާތް ކުރުމަށްވަނީ ހަމަޖެހިފައެވެ.


 


މި އެޕާޓްމަންޓް ތަކުގެ ޑައުންޕޭމަންޓާއި މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު އަދި މުޅިން ފައިނަލްނުވާ ކަމަށާއި ތިން ކޮޓަރީގެ އެޕާޓްމަންޓެއް އަށްހާސް ރުފިޔާއަށް ވުރެ ބޮޑުނުވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތުދެއެވެ. ބްލޫސް ހައުސިންގ ސްކީމްގެ ފްލެޓްތައް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ހުޅަނގު ދެކުނު ސަރަޙައްދުގައެވެ.