ޚަބަރު

އިސްލާމީ ކޮންވެންޝަންގައި ކުރީގެ ރައީސް ނަޝީދު ތަޤްރީރް ކުރައްވަނީ





 


މެލޭޝިއާގައި ބާއްވާ އިސްލާމީ ކޮންވެންޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަޤްރީރް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.


 
ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންނަ މަހު ބާއްވަން ހަމަޖައްސާފައިވާ މުސްލިމުންގެ އެއްބައިވަންތަކަމާ ގުޅޭ ބައިނަލްއަގުވާމީ ތިންވަނަ ކޮންވެންޝަންގައި އެމަނިކުފާނު ތިރީސް މިނެޓުގެ ހިޠާބެއް ދެއްވާނެކަމަށެވެ. އެކޮންވެންޝަން އިންތިޒާމްކުރަނީ ދުނިޔޭގައި ނަންހިނގާ މުސްލިމު ޖަމިއްޔާއެއް ކަމަށްވާ “ރަމަޟާން ފައުންޑޭޝަން”ގެ ފަރާތުންނާއި، ބޮޑުވަޒީރު ނަޖީބު ރައްޒާގް އަމިއްލަފުޅަށް އުފައްދަވާފައިވާ "ގްލޯބަލް މޫވްމަންޓް އޮފް ދަ މޮޑަރޭޓްސް" ކިޔާ ޖަމްއިއްޔާގެ ފަރާތުންނެވެ. 


 
މެލެޝިއާގައި ބާއްވާ އެކޮންވެންޝަންގައި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި، އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދާއި، އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ބޭބެ އަދި ބެރެކް އެޗް އޮބާމާ ފައުންޑޭޝަންގެ ޗެއާމަން މާލިކް އޮބާމާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެކޮންވެންޝަންގައި އެބޭފުޅުން މަޝްވަރާކޮށް ޚިޔާލުފުޅުތައް ހުށަހަޅުއްވާނީ ހައްދުފަހަނާ އެޅުމުގެ މައްސަލައިގެ، އާރާއިބާރު ނައްތާލުމަށް މުސްލިމު ދުނިޔެ އެއްގަލަކަށް އަރާނެ ގޮތަކާއިމެދުއެވެ.


 
 


އެކޮންވެންޝަންގައި ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ފުންނާބުއުސް މުސްލިމް ސިޔާސީ ބޭފުޅުންނާއި، ޑިޕްލޮމެޓުންނާއި، އިލްމުވެރިން ވާހަކަފުޅު ދައްކަވާނެއެވެ. އެކޮންވެންޝަންގެ މިއަހަރުގެ ޝިއާރަކީ "މެދުމިނަށް އާއެކޭ ބުނާށެވެ. ހައްދުފަހަނަ އެޅުމަށް ނޫނެކޭ ބުނާށެ"ވެ. މުސްލިމުންގެ އެއްބައިވަންތަކަމާގުޅޭ ތިންވަނަ ބައިނަލްއަޤްވާމީ ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެގާރައިން ބާރައަށް މެލޭޝިޔާގެ ޕުޓްރާޖާޔާގައެވެ.