ވިޔަފާރި

ރާއްޖޭގެ ދެކުނުގައި މީރާގެ އޮފީހެއް މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރަނީ


 
އަތޮޅުތަކުން މީރާއަށް ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ރާއްޖޭގެ ދެކުނުގައި މީރާގެ އޮފީހެއް ގާއިމްކޮށް މިއަހަރު ނިމުމުގެ ކުރިން ހިދުމަތްދޭން ފަށާނެކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން ހާމަކޮށްފިއެވެ.
 
މީރާއިން ބުނީ މާލެ ފިޔަވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ޓެކްސް ދެއްކުމުގައި ދިމާވާދަތިތަކަށް، ހާއްސަކޮށް މާލެއާއި ދުރު ހިސާބުތަކުން ޓެކްސް ދެއްކުމުގައި ދިމާވަމުން އަންނަ ދަތިތައް ހައްލުކުރުމަށް މީރާއިން މަސައްކަތް ކުރަމުން އަންނަކަމުގައެވެ. އެގޮތުން މިހާރު ރާއްޖޭގެ އުތުރުން ކުޅުދުއްފުށީގައި މީރާގެ އޮފީހެއް ހުޅުވާ ހިދުމަތް ދެމުން އަންނަކަމަށް މީރާއިން މައުލޫމާތުދެއެވެ. 
 
ރާއްޖޭގެ ދެކުނުގައި މީރާގެ އޮފީހެއް ހުޅުވުމަށް މީރާއިން ނިންމާފައިވަނީ އައްޑޫ ސިޓީގައެވެ. އައްޑޫގައި ހުޅުވާ އޮފީހުންވެސް މީރާއިން މިހާރު ދެމުން އަންނަ ހުރިހާ ހިދުމަތެއްވެސް ލިބޭނެކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން މީރާ ކަނެކްޓު މެދުވެރިކޮށް ޓެކްސް ތަކާއި ގުޅުން ހުރި ހުރިހާކަމެއް އޮންލައިންކޮށް ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށް މީރާއިން ބުނެއެވެ. 
 
މީރާގައި ގާއިމް ކުރެވިފައިވާ އެސްއޭޕީ ޓެކްސް އެންޑް ރެވެނިއު މެނޭޖްމަންޓް ސޮފްޓްވެއާއިން ޓީ-ޖީ.އެސް.ޓީ އާއި ބީ.ޕީ.ޓީ ބަލައިގަންނަން މިހާރު ފަށާފައިވާ ކަމަށާއި ޖީއެސްޓީ އާއި އެހެން ޓެކްސްތަކާ ގުޅޭ ކޯޑުތައް ވެސް އެ ސިސްޓަމްގެ ތެރެއަށް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް މީރާއިން ހާމަކުރެއެވެ.