ޚަބަރު

އާ ޤާނޫނުލް އުގޫބާތުގެ ކުރިން، އިޖްރާތުގެ ޤާނޫނު އެކުލަވާލުން މުހިންމު

އާ ޤާނޫނުލް އުގޫބާތަށް އަމަލު ކުރުމުގެ ކުރިން، އިޖްރާތުގެ ޤާނޫނު މިވަގުތަށް ބޭނުންވާ މިންވަރަށް ނަމަވެސް އެކުލަވާލުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިހުން ބުނެފިއެވެ.


އެމްބީސީ ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޑެޕިއުޓި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އައު ޤާނުނުލް އުގޫބާތަށް އަމަކުރަން ފެށުމުގެ ކުރިން މިވަގުތަށް ބޭނުންވާ މިންވަރަށް ނުވަތަ ފުރިހަމަ ނުވިނަމަވެސް އިޖްރާތުގެ ޤާނޫނެއް އަންނަންޖެހޭކަމަށާއި، އެކަމާއިމެދު ބަންޑާރަ ނައިބު ފިޔަވަޅުތަކެއް އެޅުވަމުން ގެންދަވާކަމަށެވެ. އަދި އެޤާނޫނަށް އަމަލު ކުރުމުގެ ކުރިން ހެއްކާއި ބެހޭ ޤާނޫނާއި، ޤާނޫނުލް އުގޫބަތަށް ގެނަންޖެހޭ ބަދަލްތައްވެސް ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާއި އެކު ކުރިއަށްދާކަމަށް ޑެޕިއުޓި ޕީޖީ ޝަމީމް ވިދާޅުވިއެވެ.


ޝަމީމް ވިދާޅުވީ އައު ޤާނޫނުލް އުގޫބަތަކީ އިސްލާމީ ޝަރީއަތާއި ފުށުނާރާގޮތަށް އެކުލަވާލެވިފައިވާ ޤާނޫނެއްކަމަށެވެ. މީ އެޝަރީއަތް ތަންފީޒް ކުރުމަށް ލިބުނު ފުރުސަތެއްކަމަށާއި، އެޤާނުނު ތަންފީޒް ކުރުމަށް ވަރަށް ބޭނުންވާކަމަށް ޑެޕިއުޓީ ޕީޖީ ވިދާޅުވި.މިޤާނޫނުގެ ސަބަބުން ޕީޖީ އޮފީހުގެ މަސައްކަތްތަކަށްވެސް ވަރަށް ބޮޑު ލުއެއް ލިބިގެންދާނެކަމަށް ޑެޕިއުޓީ ޕީޖީ ފާހަގަކުރެއްވިއެވެ.


ޝަމީމް ވިދާޅުވީ އައު ޤާނޫނުލް އުގޫބާތާއި ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ޕީޖީ އޮފީހުންވެސްކުރަންޖެހޭކަމަށެވެ. އެގޮތުން ޤާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށުމުގެ ކުރިން  ޕީޖީގެ ހުރިހާ ވަކީލުނަކީ އެޤާނޫނަށް އަހުލުވެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި މިހާރު ހުށަހެޅިފައިވާ ދައުވާ ތަކުގެ ތެރެއިން އައު ޤާނުނުލް އުގޫބާތާއި ގުޅިގެން ބަދަލް ގެންނަންޖެހޭ ދައުވާ ތަކާއިމެދު ގޮތެއް ނިންމަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.


ޝަމީމް ވިދާޅުވީ ޤާނޫނުލް އުގޫބާތާއި ގުޅިގެން ޕިޖީއިން މަސައްކަތް ކުރަންވާ ގޮތާއި، އަދި މަސައްކަތް ކުރިއަށް ގެންދަންވީ ގޮތުގެ މައުލުމާތު އަމަލީގޮތުން ފުލުހުންނާއި ހިއްސާކުރަންޖެހޭކަމަށެވެ. އެގޮތުން ފުލުހުންނަށް ދޭންވާ އިރުޝާދާއި، ތަމްރީންތައް ހިއްސާކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ.


އަލަށް  ފާސްކުރި ޤާނޫނުލް އުގޫބާތުގައި ބުނެފައިވަނި ޤަނުނުލް އުގޫބާތު ތަންފީޒްކުރުމުގެ ކުރިން، އެއާއި ގުޅުންހުރި އެހެން ޤާނުނުތަކަށް ގެންނަންޖެހޭ ބަދަލްތަށް ބަންޑާރަ ނައިބު ހަ މަސްދުވަސް ތެރޭގައި ރައްޔިތުން މަޖިލީހަށް ފޮނުވާން ޖެހޭނެކަމަށެވެ. އެހެންކަމުން އެކަން ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބަންޑަރަ ނައިބުގެ އޮފީހުން މައުލުމާތުދެއެވެ.