ޚަބަރު

ޔުނިވަސިޓީ އެކްސްޗޭންޖް ސްކޮލަޝިޕަށް ދަރިވަރުން ހޮވުން




 


ޤައުމީ ޔުނިވަރސިޓީގައި ކިޔަވާކުދިންނަށް ބޭރުގެ އެކިގައުމުތަކުގައި އެކްސްޗޭންޖް ސްކޯލަރޝިޕް ޕްރޮގްރާމްގެ ދަށުން ކިޔެވުމަށް ހުރި ފުރުސަތުތައް ކަނޑައެޅުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.


 
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ.އަލީ ޝަރީފް ވިދާޅުވީ މި ބައްދަލުވުމަކީ އިރަސްމުސް މުންޑުސް އެކްސްޕަރޓްސް އޭޝިއާ އެކްސްޗޭންޖް ސްކޮލަރޝިޕް ޕްރޮގްރާމާ ބައިވެރިވެގެން ޤައުމީ ޔުނިވަރސިޓީން ކުރިޔަށްގެންދާ ޕުރޮޖެކްޓެއްކަމަށެވެ.


 
އަދި މި ޕްރޮޖެކްޓަކީ ދަރިވަރުންނަށާއި މަތީތައުލީމުދޭ ސަރުކާރު އަދި އަމިއްލަ މުއައްސަސާތަކަށް ބައިވެރިވެވޭ ގޮތަށް ޔޫރަޕްގެ ގައުމުތަކުގެ ޔުނިވަރސިޓީތަކަށް ކިޔަވަން ނުވަތަ އަމަލީ ތަޖްރިބާ ހޯދުމަށް ފުރުސަތުތަކެއް ލިބިގެންދާނެ ޕްރޮގްރާމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.


 
ޝަރީފް ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިން ސްކޮލަޝިޕްތަކަށް ކުރިމަތިލާފައިވާ ފަރާތްތައް ދާން ޖެހޭ ޔުނިވަރސިޓީ ކަނޑައެޅިގެންދާނެކަމަށެވެ.


 
ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ނޮވެމްބަރ މަހުގައި މި ފުރުސަތުތަކަށް އިއުލާންކޮށްފައިވާކަމަށާއި ނަމަވެސް މި ސްކޯލާޝިޕްތަކަށް މާ ބޮޑު ތަރުހީބެއް ލިބިފައިނުވާކަމަށެވެ.


 
ޤައުމީ ޔުނިވަރސިޓީން ބުނީ މި ޕުރޮގްރާމުގެ ދަށުން ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނާއި، އެކަޑަމިކް މުވައްޒަފުންގެ އިތުރުން އިދާރީ މުވައްޒަފުން އެއްމަސް ދުވަހާއި ދިހަ މަސްދުވަހުގެ މުއްދަތުގައި ޔޫރަޕްގެ އެކިއެކި ޔުނިވަރސިޓީތަކުގައި ކިޔެވުމާއި އަމަލީ ތަޖްރިބާ ޙާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.


 
މި ޕުރޮގްރާމުގެ ދަށުން ފަންޑްކުރަނީ ޔޫރަޕިއަން ޔޫނިއަންއިންނެވެ. އަދި މީގެ ދެވަނަ ބުރު މި އަހަރުގެ ޖުލައިމަހުތެރޭގައި ހުޅުވާލާނެކަމަށް ޤައުމީ ޔުނިވަރސިޓީން މައުލޫމަތުދެއެވެ.