ވިޔަފާރި

ކަސްޓަމްސްއަށް ލިބުނު އާމްދަނީ 12 އިންސައްތައަށް އިތުރުވެއްޖެ
 


މިއަހަރުގެ މާރޗު މަހުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރު 30 އިންސައްތަ އިތުރުވެ، ކަސްޓަމްސްއަށް ލިބުނު އާމްދަނީ 12 އިންސައްތައަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.


 
ކަސްޓަމްސްއިން މައުލޫމާތުދޭ ގޮތުގައި ފާއިތުވި މާރޗުމަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މުދަލުގެ ނިސްބަތްވަނީ ފަސްދޮޅަސް ފަހެއް އިންސައްތައަށް ދަށަށް ގޮސްފައެވެ.


މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ އަހަރުގެ މާރޗުމަހާއި އަޅާބަލާއިރު، މިއަހަރުގެ މާރޗުމަހުގެ ތެރޭގައި ރާއްޖެއަށް މުދާ އެތެރެކުރި މިންވަރުވަނީ 30 އިންސައްތައަށް އިތުރުވެފައެވެ.


 
މިދިޔަ އަހަރުގެ މާރޗުމަހުގެ ތެރޭގައި ރާއްޖެއަށް އެތެރެ ކޮށްފައިވަނީ 1.9 މިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ މާރޗުމަހުގެ ތެރޭގައި ރާއްޖެއަށް 2.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މާރޗުމަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ، ތެލުގެ ބާވަތްތަކެވެ. ތެލުގެ ބާވަތްތަކުން ޖުމްލަ އިމްޕޯޓުގެ 36 އިންސައްތަ ހިއްސާކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތައް 18 އިންސައްތަ ހިއްސާކުރެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ، މެޝިނަރީއާއި އިލެކްޓްރޯނިކްސްއެވެ. އެއީ، އެތެރެކުރި މުދަލުގެ 15 އިންސައްތައެވެ.


 
މާރޗުމަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫ.އޭ.އީން)ނެވެ. ޔޫ.އޭ.އީއިން 902.4 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އެއީ ޖުމްލަ އިމްޕޯޓުގެ 35 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ސިންގަޕޫރުން 472.6 މިލިޔަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، އިންޑިޔާއިންނެވެ.


 
 
ރާއްޖެއިން މުދާ ބޭރުކުރި ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިދިޔަ އަހަރުގެ މާރޗުމާހާއި އަޅާބަލާއިރު، މިއަހަރުގެ މާރޗުމަހުގެ ތެރޭގައި މުދާ ބޭރުކުރި މިންވަރުވަނީ 65 އިންސައްތައަށް ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ މާރޗުމަހު ރާއްޖެއިން ބޭރުކޮށްފައިވަނީ، 320.1 މިލިޔަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ މާރޗުމަހުގެ ތެރޭގައި ރާއްޖެއިން ބޭރުކޮށްފައިވަނީ، 111.9 މިލިޔަން ރުފިޔާގެ މުދަލެވެ. މާރޗުމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ 39 އިންސައްތަ މުދާ ބޭރުކޮށްފައިވަނީ، ފްރާންސް، އެމެރިކާ އަދި އަޔަރލެންޑަށެވެ.


 
މާރޗުމަހު ކަސްޓަމްސްއަށް ލިބުނު އާމްދަނީއަށް ބަލާލާއިރު، ކަސްޓަމްސް ޑިޔުޓީއާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީވަނީ 12 އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ މާރޗުމަހު އާމްދަނީގެ ގޮތުގައި 124.8 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މާރޗުމަހު މިއަދަދުވަނީ 139.7 މިލިޔަން ރުފިޔާއެވެ.


 
 
 


މިއަހަރުގެ މާރޗުމަހުގެ ނިޔަލަށް ރާއްޖެއަށް މުދާ އެތެރެކޮށް، ބޭރުކުރި ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މާރޗުމަހުގެ ނިޔަލަށް މުދާ އެތެރެކުރި މިންވަރުވަނީ 11 އިންސައްތައަށް އިތުރުވެފައެވެ. އަދި ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ 25 އިންސައްތައަށް ދަށަށް ގޮސްފައެވެ. ނަމަވެސް މާރޗުމަހުގެ ނިޔަލަށް ކަސްޓަމްސްއަށް ލިބުނު އާމްދަނީ 17 އިންސައްތައަށް އިތުރުވެފައިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.