ސިޔާސީ

މެމްބަރުންގެ އަދަދު އިތުރުނުވާނެ ގޮތަކަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި




ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު އޮތް ވަރަށްވުރެ އިތުރުނުވާނެ ގޮތަކަށް ގާނޫނު އަސާސީއަށް މެމްބަރަކު އިސްލާހު ހުށަހަޅުއްވައިފިއެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ޤާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހުގައި ބުނަނީ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ، އަށާވީސް މޭ ދެހާސް ނުވައެއްގައި އެކުލަވާލެވުނު ރައްޔިތުންގެ މަޖިލިސް އެކަށައެޅުމުގައި ކަނޑައަޅާފައިވާ ގޮތަށް ހަތްދިހަ ހަތް މެމްބަރުން ކަމަށެވެ. އަދި އާބާދީއަށް އަންނަ ބަދަލާއި ގުޅިގެން އިންތިހާބީ ދާއިރާތައް ކަނޑައެޅުމާއި ގުޅޭ ގޮތުން ޤާނޫނު އަސާސީގައިވާ ބައިތައް އުނިކުރަންވެސް އާމިރު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.


މިއިސްލާހު މަޖިލީހަށް ހުށަހަޅާ މިއަދުގެ ޖަލްސާގައި ބަހުސްކުރިއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އިންތިހާބު ކުރާ މެމްބަރުންގެ އަދަދު އިތުރުވާނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އާމިރު ވިދާޅުވީ މަޖިލިސް މެމްބަރުންގެ އަދަދު އިތުރުވެގެން ނުދާނެ ގޮތަކަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ، މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވުމަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެކަށޭނެ ގޮތެއްކަމަށް ދެކެވަޑައި ނުގަންނަވާތީކަމަށެެވެ. އަދި ގައުމުގެ އިދާރީ ހިންގުމަށް އެންމެ ހަރުދަނާ ގޮތްތަކެއް ގެނެވޭނީ މިބަދަލު ގެނެސްގެން، ވަކި މިންގަނޑުތަކެއް ހިފެހެއްޓިގެން ކަމަށްވެސް އާމިރު ވިދާޅުވިއެވެ.


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އާބާދީއަށް އަންނަ ބަދަލުތަކާބެހޭ މައުލޫމާތުތައް ހޯދުމަށްފަހު، އިންތިހާބީ ދާއިރާތަކަށް އަންނަ ބަދަލުތަކާއި، އިންތިހާބު ކުރަންޖެހޭ މެމްބަރުންގެ އަދަދު ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ. އެކޮމިޝަނުން ބުނެފައިވަނީ ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި އިތުރުވާ އިންތިހާބީ ދާއިރާތަކާއެކު، މަޖިލީހުގެ މެމްބަރުންގެ އަދަދު އަށްޑިހަ ފަހަކަށް އިތުރުވެގެންދާނެ ކަމަށެވެ.


އާމިރު ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތުމާއި މެދު ގޮތެއް ނިންމާނީ، މިއިސްލާހަށް މަޖިލީހުގައި ބަހުސްކޮށް ނިމުމުންނެވެ.


 


މިއަދުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް ހުށަހަޅުއްވާފައިވާ، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވެއެވެ.