ވިޔަފާރި

"ޕްރެސް ރީޑަރ"ގެ ނަމުގައި ޓްރޭޑާރސް ހޮޓަލުން އެޕެއް ތައާރަފްކޮށްފި




 


ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ އަދަދެއްގެ ނޫސް މަޖައްލާތައް އޮންލައިންކޮށް ބަލާލެވޭ ގޮތަށް ޓްރޭޑާރސް ހޮޓަލުން "ޕްރެސް ރީޑަރ"ގެ ނަމުގައި އެޕެއް ތައާރަފްކޮށްފިއެވެ.


 
މިއަދު ޓްރޭޑާރސް ހޮޓަލްގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި މި އެޕް އިފްތިތާހު ކޮށްދެއްވީ ޓްރޭޑަރސް ހޮޓެލް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ވަތްޝާލާ ސްބްރަމޭނިއަމްއެވެ. އާންމު ގޮތެއްގައި "ޕްރެސް ރީޑަރ"އަކީ ހިލޭ ލިބޭ އެޕްއެއް ނޫން ނަމަވެސް ޓްރޭޑާރސް ހޮޓެލްގެ ޚިދުމަތްތައް ބޭނުން ކުރާއިރު މިއެޕްލިކޭޝަން ހިލޭ ބޭނުން ކުރެވޭނެ ކަމަށް ޓްރޭޑާރސް ހޮޓެލްއިން މައުލޫމާތުދެއެވެ.


 
ޓްރޭޑާރސް ހޮޓެލްގެ ޖެނެރަލް މެނޭޖަރ ވިދާޅުވީ މިމަސައްކަތުގެ މައިގަނޑު މަޤްސަދަކީ ނޫސް މަޖައްލާތައް ކިޔުމުގައި ކަރުދާހުގެ ބޭނުން ވީހާވެސް މަދުކުރުން ކަމަށާއި، މި ޚިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.


 
މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ޓްރޭޑާރސް ހޮޓެލްގެ ގޮފިތަކުގައިވެސް މިއެޕްލިކޭޝަން ތައާރަފް ކޮށްފައިވާ ކަމަށް ޓްރޭޑާރސް ހޮޓެލްއިން މައުލޫމާތުދެއެވެ. އަދި މިޚިދުމަތް އިތުރަށް ފުޅާ ކުރުމަށްޓަކައި ކަސްޓަމަރުންނަށް މި އެޕް ބޭނުން ކުރުމަށް ފަސޭހަ ގޮތްތަކެއް ޓްރޭޑާރސް ހޮޓަލުން ވަނީ ތަޢާރަފްކޮށްފައެވެ. ޓްރޭޑަރސް ހޮޓެލްގެ ޖެނެރަލް މެނޭޖަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހޮޓެލްގެ ކަންކަން އާންމުންނާ ރައްޓެހި ގޮތްތަކަށް ބައްޓަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.