ދުނިޔެ

އެމް.އެޗް.3 70ގެ ޕައިލެޓް އައިއެންއައިއޭގައި ޖައްސަން ފަރިތަކުރި
 


މިމަހުގެ 8 ވަނަ ދުވަހު ގެއްލުނު މެލޭޝިއާ އެއަރލައިންސް ފްލައިޓް އެމް.އެޗް.ތްރީ ސެވަންޓީގެ ޕައިލެޓްގެ ގެއިން ހޯދި ފްލައިޓް ސިމިއުލޭޓަރގައި، ރާއްޖޭގެ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން ފަރިތަކޮށްފައިވާ ކަމަށް، މައްސަލަ ބަލަމުންދާ ތަޙުޤީގު ޓީމާ ޙަވާލާދީ މެލޭޝިއާގެ ޚަބަރުތައް ބުނެފިއެވެ.


 
މެލޭޝިޔާ ފުލުހުންނާ ހަވާލާދީ ރޮއިޓަރޒްއިންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އިބްރާޙިމް އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރުން އިންޑިއާ ކަނޑުގެ ހަތަރު އެއަރޕޯޓަކަށް ބޯޓު ޖައްސަން ސިމިއުލޭޓަރގައި ފަރިތަކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. އޭގެ ތެރޭގައި ފޯޅަވަހިވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އެމެރިކާއިންވަނީ ފޯޅަވައްސަށް މެލޭޝިއާގެ މަތިންދާބޯޓު ޖައްސަފާނެކަމަށް ބުނާ ބުނުން ދޮގުކޮށްފައެވެ.


 
އެމް.އެޗް.ތްރީ ސެވަންޓީގެ ޕައިލެޓްގެ ގެއިން ހޯދި ސިމިއުލޭޓަރ ބެލި ބެލުމުން ޖައްސަން ފަރިތަކޮށްފައިވާ އެއަރޕޯޓްތަކުގެ ތެރޭގައި އިންޑިއާއާއި ލަންކާގެ އެއަރޕޯޓްތައްވެސް ހިމެނެއެވެ. މި ހުރިހާ އެއަރޕޯޓްތަކަކީވެސް  އެއްހާސް މީޓަރުގެ ރަންވޭއެއް އޮންނަ އެއަރޕޯޓްތައް ކަމަށް ޚަބަރުތައް ބުނެއެވެ.


 
މި ސިމިއުލޭޓަރއަކީ ގެއްލުނު ބޯޓުގެ ޕައިލެޓަކަށް ހުރި – ކެޕްޓަން ޒަހާރީ އަހުމަދު ޝާހު އޭނާގެ ގޭގައި ބޭނުންކުރާ ސިމިޔުލޭޓަރެކެވެ. އޭނާއަކީ ޕައިލެޓުން ތަމްރީންކުރުމުގައި ހަރަކާތްތެރިވާ ކެޕްޓަނެއް ކަމަށް ޚަބަރުތައް ބުނެއެވެ. ބޯޓުގެ އެއްވެސް ނިޝާނެއް ފެނެތޯ ދިހަ ދުވަސްވަންދެން ބެލުމަށްފަހު މައްސަލައިގެ ތަޙުޤީގު ޓީމުން މިހާރު ދަނީ ބޯޓުގައި ތިބި ދުއިސައްތަ ތިރީސް ނުވަ މީހުންނާ ބެހޭ ހުރިހާ މަޢުލޫމާތެއް އެއްކުރަމުންނެވެ.


 
މެލޭޝިއާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލީސް ޚާލިދު އަބޫބަކުރު ވިދާޅުވީ، ތަޙުޤީގާ ގުޅޭ ހުރިހާ ދިމާއަކުން ބަލާނެ ކަމަށެވެ.