ޚަބަރު

ބަލިތަކުގެ ތަފާސް ހިސާބު އެއްކުރުމަށް ހަތަރު ލައްކައެއްހާ ޑޮލަރުގެ އެހީއެއް


 
އަރިދަފުސް ރޯގާއާއި ގައިން ގަޔަށް އަރާ ބަލިފަދަ ބަލިތަކުގެ ތަފާސް ހިސާބު އެއްކުރުމަށް އަހަރަކު ހަތަރު ލައްކައެއްހާ  ޑޮލަރުގެ އެހީ އެމެރިކާގެ އާއްމު ބަލިތަކާބެހޭ ސެންޓަރުން ރާއްޖެއަށް ދޭން ނިންމައިފައިވާކަމަށް ހެލްތް މިނިސްޓްރީއިން  ހާމަކޮށްފިއެވެ. 
 
މިކަމަށް މަގުފަހިވެގެން ދިޔައީ މިފަދަ ބަލިތަކުގެ ތަފާސް ހިސާބު އެއްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތާބެހޭ ގޮތުން އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް، ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހުށަހެޅި ރިޕޯޓެއް ކާމިޔާބު ކޮށްގެން ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. 
 
މި ޕްރޮޕޯޒަލް ކާމިޔާބު ވުމުން ފަސް އަހަރަށް ބަހާލައިގެން ހައެއް ޕޮއިންޓް ދޭއް މިލިޔަން ދިވެހި ރުފިޔާގެ  މާލީ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ. 
 
ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ހަމަޖެހިފައިވާ މިއެހީއަކީ "އޭވިއަން އަދި ޕެންޑަމިކް އިންފްލުއެންޒާ"އިން ރައްކާތެރިވުމަށާއި، ކަމާބެހޭ ދާއިރާތަކުން އެކަމަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތަކެއް  ކުރުމަށް ދޭން ނިންމި  އެހީއެކެވެ. މި އެހީ ދޫކުރާނީ އަހަރު ނިމުމުގެ ނުވަދިހަ ދުވަސް ކުރިން ހުށަހަޅާ އަހަރީ ރިޕޯޓް ބެލުމަށް ފަހު ކަމަށް ހެލްތު މިނިސްޓުރީން މައުލޫމާތުދެއެވެ. 
 
ރާއްޖެއިން ތައްޔާރުކުރި މިޕްރޮޕޯޒަލް ތައްޔާރު ކުރުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަން ލިބިފައިވާކަން ހެލްތް މިނިސްޓްރީން ފާހަގަކުރެއެވެ.