ޚަބަރު

އައިޖީއެމްއެޗްގައި ބަލިމީހެއްގެ ގަޔަށް އެޗްއައިވީ ލޭ އެޅިއްޖެ
 


އައިޖީއެމްޗްގައި ފަރުވާހޯދި ބަލި މީހަކަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅިފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.


 
މިކަން ހިނަގާފައިވަނީ އައިޖީއެމްއެޗްގެ ލެބޯޓްރީގައި މަސައްކަތްކުރި މުވައްޒަފެއްގެ އިހުމާލުން ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. ހެލްތު މިނިސްޓްރީގައި ރޭ ކުއްލިގޮތަކަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ ޑރ.މުހައްމަދު ހަބީބު ވިދާޅުވީ ބަލިމީހާގަޔަށް ލޭ އެޅިފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ކަމަށާއި، މިކަން އެނގިފައިވަނީ މި މަހުގެ ނަވާރަ ވަނަ ދުވަހު ކަމަށެވެ.


 
ހަބީބު ވިދާޅުވީ އެމައްސަލަ ތަހްގީގުކުރުމުން އެނގުނު ގޮތުގައި އޭޑްސް ޖެހިފައި ހުރި މީހެއްގެ ލޭ ނެގިއިރު ވެސް އެއީ ޕޮޒިޓިވް ވެފައި ހުރި ލޭކަން މެޝިނުން އެނގެން ހުރިކަމަށެވެ. އެހެން ނަމަވެސް ލެބް ޓެކްނީޝަން، ރިޕޯޓުގައި ލިޔުނީ އެއީ ރަނގަޅު ލޭ ނުވަތަ އެޗްއައިވީ ނެގެޓިވް ލޭގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެ މީހާގެ ގަޔަށް އެޗްއައިވީ ލޭ އެޅުނީ އެހެންވެ ކަމަށް ޑރ.ހަބީބު ވިދާޅުވިއެވެ.


 
މިކަމަށް ބަލި މީހާގެ އާއިލާ އާއި ބަލި މީހާއާ ގުޅުން ހުރި ހުރިހާ ފަރާތަކުން މައާފަށް އެދިފައިވާއިރު، ދިވެހިރައްޔިތުންގެ ފަރާތުންވެސް ހަބީބު ވަނީ މައާފަށް އެދިވަޑައިގެންފައެވެ. ހަބީބު ވިދާޅުވީ މިއީ އައިޖީއެމްއެޗްގެ 18 އަހަރުގެ ހަޔާތުގައި ދިމާވި އެންމެ ހިތާމަވެރި ހާދިސާ ކަމަށާއި މި ހާދިސާ ހިއްސާ މިކުރަނީ ހިތާމައާއި ލަދުވެތިކަމާ އެކު ކަމަށެވެ. 
އޭޑްސް ޖެހިފައި ހުރި މީހާ އަކީ ކާކު ކަމެއް، އަދި އެ މީހާގެ ލޭ އެޅި މީހާގެ އެއްވެސް މައުލޫމާތެއް ޑރ. ހަބީބު ހާމައެއް ނުކުރައްވައެވެ. އަދި ފަހުން ބަލިމީހާގެ ލޭ ޓެސްޓް ކުރީ ކީއްވެ ކަމެއް ވެސް ހެލްތު މިނިސްޓްރީންނާއި އައިޖީއެމްއެޗުން ނުބުނެއެވެ.މި ހާދިސާގެ ސަބަބުން އައިޖީއެމްއެޗްގައި ހުރި މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށާއި އަދި އިތުރަށް ވެސް ކަންކަން ބަލައި އެފަދަ ހާދިސާއެއް ދެން ނުހިނގާނެ ގޮތަށް ކަންކަން ހަމަޖައްސަވާނެ ކަމަށް ވެސް  ހަބީބި ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނެއް ސަސްޕެންޑްކޮށް، އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޑރ. ޝީޒާ އަލީ ވިދާޅުވިއެވެ.


 
އައިޖީއެމްއެޗުން ލޭ އެޅުމުގެ ސަބަބުން އޭޑްސް ޖެހުނު މީހާ އަށް ވަގުތުން ބޭސް ފަރުވާ ފަށާފައިވާ ކަމަށާއި އެ މީހާ އަށް ބޭސްފަރުވާ ކުރަނީ، އެއިޑްސް ޖެހިފައި ތިބި އެހެން ދިވެހިންނެކޭ އެއްގޮތަށް ދައުލަތުގެ ހަރަދުގައި ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. ހަބީބު ވިދާޅުވީ ދިވެއްސެއްގެ ގަޔަށް އައިޖީއެމްއެޗުން ލޭ އެޅި މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ ރޭ ކަމަށެވެ.  މި  ހާދިޞާގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސް، އެޓާރނީ ޖެނެރަލް، ޕްރްސެކިއުޓަރ ޖެނެރަލް އަދި ހިއުމަން ރައިޓްސް ކޮމިޝަނާއި ވަނީ ހިއްސާ ކުރެވިފައެވެ.


 
 


ހެލްތް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިހާރަށް އެއިޑްސް ޖެހިފައިވާކަން އެނގިފައިވަނީ ނަވާރަ ދިވެހިންނަށާއި، ތިންސަތޭކަ ބާރަ ބިދޭސީންނަށެވެ. ނަވާރަ ދިވެހިންގެ ތެރެއިން ބާރަ މީހަކު ވަނީ ނިޔާވެފައެވެ.