ޚަބަރު

ޢިރާޤުގައި އިއްޔެ ދިން ބޮމާއި ބަޑީގެ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 40ވުރެ މައްޗަށް




ޢިރާޤުގެ އެކި ސަރަޙައްދުތަކުގައި އިއްޔެ ދިން ބޮމާއި ބަޑީގެ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު ސާޅީހަށްވުރެ މައްޗަށް އަރައިފިއެވެ. މިޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ، ވެރިރަށް ބަޣްދާދުގެ އުތުރުން އޮންނަ ސުންނީ ޢަރަބިން ގިނަ ސަރަޙައްދުތަކަށް ކަމަށް ޚަބަރު ލިބެއެވެ. އިއްޔެގެ ޙަމަލާތަކުގެ ތެރެއިން އެންމެ ވަރުގަދަ ޙަމަލާ ދީފައިވަނީ ބަޤޫބާގެ މެދެއްހާ ހިސާބުގައި ކަމަށް ޚަބަރު ލިބެއެވެ. މި ސަރަޙަޢްދުގައި ދިން ކާރު ބޮމުގެ ޙަމަލާއެއްގައި އެކަނިވެސް އެގާރަ މީހުން މަރުވި ކަމަށް އަލްޖަޒީރާއިން ބުނެއެވެ.


މިއަހަރަށް ފެށުނު ފަހުން ޢިރާޤުގައި ދޭ މިފަދަ ޙަމަލާތައް ވަނީ އިތުރުވަމުންދާކަން ފާހަނގަކުރެވެއެވެ. އެގޮތުން ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ އޭ.އެފް.ޕީއިން އެއްކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރަށް ފެށުނު ފަހުން ޢިރާޤުގައި ދިން މިފަދަ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު ތިން ހާސް ހަ ސަތޭކަޔަށްވުރެ މައްޗަށް އަރާފައިވެއެވެ.


 


އދގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހު ދިން ޙަމަލާތަކުގައި އެކަނިވެސް އެއްހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.