ޚަބަރު

ތިމަރަފުށީ އެއަރޕޯޓް އަންނަމަހު ރަސްމީކޮށް ހުޅުވެނީ
ތ. ތިމަރަފުށީގައި އަލަށް ހަދާ ޑޮމެސްޓިކް އެއަރޕޯޓް އަންނަ މަހުގެ ދޭއްގައި ރަސްމީކޮށް ހުޅުވާނެ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެފިއެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ތިމަރަފުށީ އެއަރޕޯޓް ހުޅުއްވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަޙީދު ހަސަން ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން މައުލޫމާތުދެއެވެ.


ތިމަރަފުށީ އެއަރޕޯޓްގެ ރަންވޭއާއި ވަގުތީ ޓަރމިނަލްއާއި ފެންސް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މި އެއަރޕޯޓްގެ ހިންގުން ހަވާލުކޮށްފައިވާ، އައިލެންޑް އޭވިއޭޝަނުން ދަނީ އެއަރޕޯޓް ހުޅުވުމުގެ ކުރިން އެއަރޕޯޓްގައި މަސައްކަތްކުރާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ހުޅުވުމުގެ ކުރިން ކުރަންޖެހޭ ބައެއް އިދާރީ މަސައްކަތްތަކާއި އަދިވެސް އެހެނިހެން މަސައްކަތްތައް ކުރުން މިހާރު ހަލުވިކަމާއިއެކު ކުރަމުންދާ ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.


ތިމަރަފުށީ އެއަރޕޯޓަކީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް އޮންނަ އެއަރޕޯޓެކެވެ.


 


ރީޖަނަލް އެއަރޕޯޓްސްއިން މައުލޫމާތުދިންގޮތުގައި އެއަރޕޯޓް ހުޅުވިގެންދާއިރު، އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރެއް މިހާރު ނެތް ނަމަވެސް، ދާއިމީ ޓާމިނަލާއެކު ޓަވަރެއްވެސް ހުންނާނެއެވެ. އަދި އެއަރޕޯޓް ހުޅުވެންވާއިރަށް ސެކިއުރިޓީއާއި އެނޫން ހުރިހާ ކަމެއްވެސް ނިމޭނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.