ޚަބަރު

ރާއްޖޭގައި ބައިބައިވުން އުފެދުނަ ނުދިނުމަށް ހޯމް މިނިސްޓަރ ގޮވާލައްވައިފި


 


ރާއްޖޭގައި އާންމުވަމުންދާ އަޚްލާޤީ މައްސަލަތަކާ، ދީނީ ބައިބައިވުން ފަދަ ކަންކަން އުފެދުނަ ނުދިނުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކޮށްދެއްވުމަށް ހޯމް މިނިސްޓަރ އެދިވަޑައިގެންފިއެވެ.


 
ހޯމް މިނިސްޓަރ އުމަރު ނަޞީރު މިކަމަށްއެދިވަޑައިގެންނެވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.


 
މިނިސްޓަރ ވިދާޅުވީ ފަހަކަށް އައިސް މަސްތުވާ ތަކެއްޗާއި ފާހިޝް ޢަމަލުތައް ފަދަ އަޚްލާގީ ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން އަޤީދާ ބަލިކަށިވުންފަދަ މައްސަލަތަކާއި ކޮންމެވެސް ވަރަކަށް ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން މިކަންކަން އިސްލާހް ކުރުމަށް ސަރުކާރާއި އަމިއްލަ އެކިއެކި ޖަމްޢިއްޔާ ޖަމާއަތްތަކުންވެސް ބޮޑެތި މަސައްކަތް ތަކެއް ކުރަމުންދާކަމަށާއި ނަމަވެސް މިފަދަ ކަންކަން ހައްލު ކުރުމުގައި މުޖްތަމަޢުމުގެ ރޯލުވެސް ބޮޑުކަން ފާހަގަކުރައްވާ ހުރިހާ ފަރާތް ތަކަކުންވެސް މިކަމަށް ސަމާލުކަން ދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.


 

މީގެ އިތުރުން މަދުން ނަމަވެސް މިއަދުގެ މުޖްތަމައުގައި ދީނީ ބައިބައިވުން އުފެދެމުންދާ ކަމަށާއި، މިމައްސަލަ ހައްލުކުރުމަށް ދީނީ އިލްމުވެރިން މިހާރުވެސް ދީނީ އިލްމުފެތުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް އިތުރަށް ފުޅާކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.


 
ހޯމް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ބެލެނިވެރި ކަމުގެ ދަށުގައި ރާއްޖޭގައި އިސްލާމީ ވަހުދަތު ވަރުގަދަކޮށް ދީން ހަމާޔަތްކޮށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތް ތަކެއްވެސް ކުރަމުންގެންދާނެ ކަމަށާއި އެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.


 
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ މުހައްމަދު އަލީ މިޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ބޮޑެތި އިސްތިއުމާރީ ބާރުތަކުން މިސަރަހައްދުގެ ބޮޑެތި ގައުމުތައް އަޅުވެތިކޮށްގެން އެތައް އަހަރެއް ހޭދަކުރިއިރު އެފަދަ ބާރުތަކަށްވެސް ރާއްޖެ އަޅުވެތި ކަމުގައި ބޭއްވުނީ މަދު އަހަރުތަކެއްގައިކަން ފާހަގަ ކުރައްވާ މިކަން ކަމަކީ ދިވެހީން އިސްލާމްދީންމަތީ ދެމިތިބުމުން ލިބިފައިވާ ނިއުމަތްތައްކަން ފާހަގަ ކުރެއްވިއެވެ.


 
މީގެ އިތުރުން ސްޓޭޓް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ސައިންސްގެ އަލީގައި މިއަދާ ހަމައަށް ހޯދާފައިވާ ބޮޑެތި ހޯދުންތަކަކީވެސް ޤުރުއާނުގައި މާކުރިން ބަޔާންކުރައްވާފައިވާ ކަންތައްތައްކަން ފާހަގަކުރައްވާ އެފަދަ ބައެއް މިސާލުވެސް ދައްކަވާފައެވެ.


 
ރޭގެ ޖަލްސާގައި ދުވަހާ ގުޅޭގޮތުން ބައެއް ސްކޫލްކުދިން ވާހަކަދެއްކުމުގެ އިތުރުން ދުވަހާގުޅޭ ގޮތުން ބައެއް ދަރިވަރުންގެ މަދަހަތައްވެސް ހުށައަޅައިދީފައިވެއެވެ.


 
 


ރާއްޖެ އިސްލާމްވިތާ މީލާދީ ގޮތުން އަށް ސަތޭކަ ފަސްދޮޅަސް އެއް އަހަރުފުރޭ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ ނިންމާލާފައިވަނީ ދުވަހާ ގުޅޭ ޚާއްސަ ދުއާއަކުންނެވެ.