ޚަބަރު

ހެއަރ އެންޑް ބިއުޓީ ވޯރކްޝޮޕެއް ބާއްވައިފި




 


ޒީނަތްތެރިވުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމް.އައި.ޓީގެ ފަރާތުން ވޯކްޝޮޕްއެއް ކުރިއަށް ގެންގޮސްފިއެވެ.


 
މި ވޯކްޝޮޕްގައި، ބޯ ކޮށުމާއި، އިސްތަށިގަނޑު ސްޓައިލް ކުރުމާއި، މޭކަޕް ކުރުމުގެ އިތުރުން ސެލޫންތަކަށް ނުގޮސް، އަމިއްލައަށް ޒީނަތްތެރި ވެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާކުރެވުނު ކަމަށް އެމް.އައި.ޓީން މައުލޫމާތުދެއެވެ.



މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމް.އައި.ޓީގެ ފަރާތުން މުޅިން ހިލޭ ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިއަށް، އެއް ދުވަހުގެ މި ވޯކްޝޮޕްގައި ޖުމްލަ ސާޅިސް ފަރާތަކުން ބައިވެރިވެފައިވެއެވެ.


 
ތަފާތު ސެޝަންތަކަށް ބަހާލެވިގެން ކުރިއަށް ގެންދިއަށް މި ވޯކްޝޮޕްގައި ޒީނަތްތެރިވުމުގެ ގޮތުން ބޯ ކޮށުމާއި، އިސްތަށިގަނޑު ޑިޒައިންކުރުމުގެ އިތުރުން މޭކަޕްކުރުމުގައި ވިސްނަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ. އަދި އަމަލީ ގޮތުން މިކަންކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ވޯކްޝޮޕްގެ ބައިވެރިންނަށް ދީފައިވާކަމަށް އެމް.އައި.ޓީއިން މައުލޫމާތުދެއެވެ.



އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން އެމް.އައި.ޓީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމް ވިދާޅުވީ، އެ އިންސްޓިޓިއުޓްގެ ފަރާތުން މިފަދަ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ޒީނަތްތެރިވުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، މި ދާއިރާއަށް ވީހާވެސް ގިނަ ދިވެހިން ނުކުތުމަށް އެހީތެރިވެދިނުންކަމަށެވެ.



މި ވޯކޮޝޮޕްގައި ބައިވެރިންނަށް މައުލޫމާތު ދީފައިވަނީ އަވަށްޓެރި ލަންކާގައި ޒީނަތްތެރިވުމުގެ ރޮނގުން މަޝްޙޫރުކަން ހޯދާފައިވާ ފަރާތެއްކަމަށްވާ "ރަމްނީ ފެނެންޑާރޒް"ގެ މެނޭޖިންގ ޑިރެކްޓަރ ލަކީ ލެނެގެނޭއެވެ. ލަކީ ވިދާޅުވީ ރާއްޖޭގައި މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުން ތިބިކަން މި ވޯކްޝޮޕުން ހާމަވެގެން ގޮސްފައިވާކަމަށެވެ. އަދި މިއީ ރާއްޖޭގައިވެސް ކުރިއެރުވިދާނެ ދާއިރާއެއްކަން ލަކީ ފާހަގަކުރެއްވިއެވެ.


 
މި ވޯކްޝޮޕްގައި ބައިވެރިވި ފަރާތަކުން ބުނީ މިފަދަ ވޯކްޝޮޕެއް އެމް.އައި.ޓީގެ ފަރާތުން ކުރިއަށް ގެންދިއައިތީވެ އެކަމާ އުފާކުރާ ކަމަށާއި، މި ވޯކްޝޮޕްގެ ސަބަބުން ޒީނަތްތެރިވުމުގެ ދާއިރާއިން ނޭންގޭ އެތަކެއް ކަންތައްތަކެއް ދަސްވެގެންދިއަ ކަމަށެވެ. އަދި މިއީ މިދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ލިބިގެންދިއަށް އިތުރު ފުރުސަތެއް ކަމަށެވެ.



 
ވޯކްޝޮޕް ނިންމާލުމުގެ ގޮތުން ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށްފަހު، ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ރިފާޢު ވަނީ ރާއްޖޭގައި މޭކަޕްކުރުމާއި އަދި ޒީނަތްތެރިވުމުގެ ދާއިރާގައި ގިނައިން ހަރަކާތްތެރިވަނީ ބިދޭސީންކަން ފާހަގަކުރައްވާ، މި ދާއިރާއަށް ދިވެހި ޒުވާނުން ނުކުތުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ބައިވެރިންގެ ހިޔާލު ހޯއްދަވާފައެވެ.



 


ކައިރި މުސްތަޤުބަލެއްގައި މިފަދަ އެހެން ކޯސްތަކެއްވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް އެމް.އައި.ޓީއިން މައުލޫމާތުދެއެވެ.