ޚަބަރު

ބޭހަށް އިންޑިއާއަށްދާ ދިވެހިންނަށް ވިސާއާއި ނުލާ ތިބެވޭނެގޮތް ހަމަޖެހިއްޖެ

 


ބޭސްފަރުވާއަށް އިންޑިއާއަށް ދާ ދިވެހިންނަށް ވިސާއާއި ނުލާ އެގައުމުގައި ތިބެވޭނެ ގޮތް މިހާރު ހަމަޖެހިފައިވާކަމަށް އިންޑިއަން ހައިކޮމިޝަނުން ބުނެފިއެވެ.  އެމް.ބީ.ސީ ނިއުސްއަށް މަޢުލުމާތު ދެއްވަމުން އިންޑިއަން ހައިކޮމިޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ބޭސް ފަރުވާއަށް އިންޑިއާއަށްދާ ދިވެހިންނަށް 90 ދުވަހު ވިސާއާ ނުލާ އެ ގައުމުގައި ތިބެވޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށާއި، އެކަން ހުރިހާ ޕޯޓްސް އަކަށްވެސް އަންގާފައިވާކަމަށެވެ.


 
މީގެ އިތުރުން އިންޑިއާގެ ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ޓްރެވަލް ނޫހެއް ކަމަށްވާ "ޓްރެވަލް ބިޒް މޮނީޓާ ޑޮޓްކޮމް"ގައި ބުނެފައި ވަނީ އިންޑިއާގެ ސްޓޭޓް ވިތު އިންޑިޕެންޑެންޓް ޗާޖް ފޯ ޓޫރިޒަމް މިނިސްޓަރު ޑރ. ކޭ ޗިރަންޖީވް އާއި، ހޯމް މިނިސްޓަރު ޝުޝިލްކުމާރު ޝިންދެ އާ ބައްދަލުކޮށް މެޑިކަލް ވިސާގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށެވެ.  އަދި އެ މަޝްވަރާތަކުގައި އެއްފަހަރު މެޑިކަލް އަށް އިންޑިއާއަށް ދިއުމަށްފަހު، ދެންދެވޭނީ 60 ދުވަހުގެ މުއްދަތަކަށްފަހުކަމަށް، އޮންނަ އޮތުންވެސް އުވާލުމަށް މަޝްވަރާ ކޮށްފައިވާކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.


 
 


އަދި އިންޑިއާ އަށް މެޑިކަލް ވިސާގައި 180 ދުވަހަށް ވުރެ މަދު ދުވަހަށްދާނަމަ ފޮރިންގ ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް އަށް ރިޕޯޓް ކުރަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް އެނޫހުގައި ބުނެފައިވެއެވެ.  ބޭސް ފަރުވާއަށްދާ ދިވެހިންނަށް ވިސާއާ ނުލާ އިންޑިއާއަށް ދެވޭނެ ގޮތް އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގްއާއެކު ބޭއްވި ބައްދަލުވުމަށްފަހު ދެ ބޭފުޅުން ނެރުއްވާފައިވާ ގުޅިފައިވާ ބަޔާނެއްގައިވެސް ބުނެފައިވެއެވެ.