ވިޔަފާރި

އަބޫދާބީ ފަންޑުން 92.7 މިލިއަން ރުފިޔާގެ ލޯނު އެހީއެއް ރާއްޖެއަށް

 


ކުނިން ހަކަތައާއި ފެން އުފެއްދުމުގެ މަޝްރޫޢެއް ހިންގުމަށް އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ، އައިރީނާ  މެދުވެރިކޮށް އަބޫދާބީ ފަންޑުން 92.7 މިލިއަން ރުފިޔާ ދިވެހިރާއްޖެއަށް ލޯނު އެހީގެ ގޮތުގައި ލިބިއްޖެއެވެ.


 
މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނަރޖީ އިން މައުލޫމާތު ދޭ ގޮތުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި އިޢާދަކުރަނިވި ހަކަތައާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް އައިރީނާ އާއި އަބޫދާބީ ފަންޑު ގުޅިންގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 350 މިލިއަން ޑޮލަރުގެ މަޝްރޫޢެއްގެ ތެރެއިން 2013 ވަނަ އަހަރު ދިނުމަށް ހަމަޖެހިފައިވާ 50 މިލިއަން ޑޮލަރަށް 80 ޤައުމަކުން ވާދަކޮށްފައި ވާ ކަމަށާއި މީގެ ތެރެއިން މިއަހަރު ފައިސާ ހަމަޖެހިފައިވަނީ ހަ ޤައުމަކަށް ކަމަށެވެ.


 
ދިވެހިރާއްޖެއިން ހުށަހެޅި މަޝްރޫޢު އަމާޒުކުރެވިފައިވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުނިގެންގުޅޭނެ ދެމެހެއްޓެނިވި ނިޒާމުތަކެއް ޤާއިމްކޮށް އެތަންތަނުގައި އުފެދޭ ކުނިން ހަކަތަ ނުވަތަ ފެން އުފެއްދުމަށް ކަމަށާއި މި މަޝްރޫޢު ހިންގުމަށް ކަނޑައެޅިފައިވަނީ ހދ.ކުޅުދުއްފުށްޓާއި، ރ.ވަންދޫ ގެ އިތުރުން އައްޑޫ ސިޓީގައި ކަމަށްވެސް އެންވަރަމެންޓް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.


 
މިކަން އިޢުލާން ކުރުމަށް އަބޫދާބީގައި ކުރިއަށްދާ އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖޭންސީގެ ހަތަރުވަނަ އެސެމްބްލީގެ ހަވާސާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޢަބްދުލް މަތީނު މުޙައްމަދު އާއި ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ.އައިޝަތު ޝެހެނާޒް އާދަމް ބައިވެރިވެވަޑައިގެންފައިވެއެވެ.