ދުނިޔެ

ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމައިގެން މުޅި ދުނިޔެ ކުރިޔަށް ދާންވެއްޖެ




 


ނިއުކްލިއަރ ހަތިޔާރުތައް ނައްތާލުމައިގެން މުޅި ދުނިޔެވެސް ކުރިޔަށް ހިނގަންވެއްޖެކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ބަން ކީމޫން ވިދާޅުވެއްޖެއެވެ.


 
ބަން ކީމޫން މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު، ނިއުކްލިއަރ މައްސަލާގައި އީރާނާ ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު އުފެދިފައިވާ ދެބަސްވުންތައް މުޅިން ޙައްލު ވެދާނެ ކަމުގެ ނިޝާންތައް މިހާރު ވަނީ ފެންނަން ފަށާފައެވެ. އީރާނުން ކުރިޔަށްގެންދާ ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަޝްރޫޢަކީ އެޤައުމުން އަސްކަރީ ބާރުވެރިކަމެއް ހޯދުމަށް ކުރިޔަށް ގެންދާ މަޝްރޫޢެއްކަމަށް ބުނެ، އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކާ އިސްރާޢީލުން ދަނީ އީރާނަށް ތުހުމަތުތަކެއް އަމާޒުކުރަމުންނެވެ.


 
އީރާނުގެ ނިއުކްލިއަރ މަޝްރޫޢަށް ބޭރު ފައިސާ ލިބޭނެ ހުރިހާ މަގުތަކެއް ހުޅަނގުގެ ބާރުތަކުން ބަންދުކޮށް، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންދިޔަ އިރުވެސް އީރާނުން ބުނަމުންދިޔައީ އެޤައުމުގެ ނިއުކްލިއަރ މަޝްރޫޢަކީ ސުލްޙަވެރި މަޝްރޫޢެއްކަމަށެވެ. އީރާނުން ނިއުކްލިއަރ ބޮމެއް އުފެއްދުމަށް ނަގާނެ މުއްދަތަކާ މެދު ޒަމާންވީ ދެ އެކުވެރިން ކަމުގައިވާ އެމެރިކާއާއި އިސްރާޢީލާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް ހުރިއިރު، އެމެރިކާއިން ވަކާލާތު ކުރަމުންދިޔައީ މިމައްސަލަޔަށް ސުލްޙަވެރި ޙައްލެއް ހޯދުމަށެވެ. މިމަޤްޞަދު ހާސިލުކުރުމަށްޓަކައި ދުނިޔޭގެ އެންމެ ބާރުގަދަ 6 ޤައުމާ އީރާނާ ދެމެދު އަންނަނީ ސުލްޙައިގެ މަޝްވަރާތަކެއް ތަކުރާރުކޮށް ބާއްވަމުންނެވެ. މިފަދަ މަޝްވަރާތަކަކުން ކާމިޔާބީއެއް ލިބިދާނެކަމުގެ އިޝާރާތެއް ފެނިގެންދިޔައީ މިދިޔަ އަހަރުގެ ފަހުކޮޅު، އީރާނާ ދުނިޔޭގެ 6 ބާރާ ދެމެދު ވަގުތީ އެއްބަސްވުމެއް އެކުލަވާލި ހިސާބުންނެވެ.


 
އީރާނުން ކުރިޔަށް ގެންދާ ނިއުކްލިއަރ މަޝްރޫޢު މަޑުޖައްސާލައިފިނަމަ އީރާނާ ދެކޮޅަށް ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭ ގޮތަށް ފަރުމާކޮށްފައި އޮތް ވަގުތީ އެއްބަސްވުން އީރާނުގައި ތަންފީޒުކުރަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. މިއާއެކު އެތައް އަހަރަކަށް ދިގުލައި ދިޔަ އީރާނުގެ ނިއުކްލިއަރ މައްސަލަޔަށް ދާއިމީ ޙައްލެއް ހޯދުން އެކަށީގެންވާކަމުގެ ނިޝާންތައް ފެންނަން ފެށައިފިއެވެ. ނިއުކްލިއަރ މައްސަލައިގެ ވަގުތީ އެއްބަސްވުން ތަންފީޒުކުރެވުނު ނަމަވެސް، ދުނިޔޭގެ ބޮޑެތި ބާރުތަކާ އީރާނާ ދެމެދު އަދިވެސް ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. މި ތަފާތުތަކަށް އަލި މަގެއް ފެނޭތޯ ބެލުމަށްޓަކައި ދުނިޔޭގެ އެންމެ ބާރުގަދަ 6 ޤައުމާ އީރާނާ ދެމެދު އަންނަ މަހުވެސް ސުލްޙައިގެ މަޝްވަރާތަކެއް ކުރިޔަށް ގެންދިއުން އެކަށީގެންވާކަމަށް ޚަބަރު ލިބެއެވެ.


 
އީރާނުގެ ނިއުކްލިއަރ މައްސަލާގައި އެޤައުމުގެ ފަރާތުން ވަކާލާތު ކުރައްވާ ޢައްބާސް ޢަރަޤްޝީއާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުން، މި ބައްދަލުވުން ބާއްވާނެ ވަގުތަކާ، ދުވަހަކާ، ބައްދަލުވުމުގެ ފެންވަރާ ބެހޭ ގޮތުން އީރާނުގެ ޚާރިޖީ ވަޒީރު – މުޙައްމަދު ޖަވާދު ޒަރީފްއާއި، ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ސިޔާސަތުތަކާ ބެހޭ އިސްވެރިޔާ – ކެތްރީން އޭޝްޓަން މަޝްވަރާކުރައްވާނެކަމަށެވެ.  ސުވިޓްޒަރލޭންޑްގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ އިޤްތިޞާދީ ފޯރަމްގެ ހަވާސާގައިވެސް މި ދެބޭފުޅުން ބައްދަލުކުރައްވާނެކަމަށް ބެލެވެއެވެ.


 
އީރާނުން ކުރިޔަށްގެންދާ ޔުރޭނިއަމް މުއްސަނދި ކުރުމުގެ މަޝްރޫޢަކީ މަދަނީ ބޭނުންތަކަކަށްޓަކައި ކުރިޔަށް  ގެންދާ ސުލްޙަވެރި މަޝްރޫއެއްކަމަށް އެޤައުމުން ބުނާއިރު، ޖެނުއަރީ ވިހި ވަނަ ދުވަހު އީރާނުންވަނީ ވިހި އިންސައްތަޔަށް ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓާލާފައެވެ. އަދި ވިހި އިންސައްތަޔާ ހަމަޔަށް މުއްސަނދި ކޮށްފައިވާ ސްޓޮކް މަދުކުރުމުގެ މަސައްކަތްވެސް އީރާނުން ވަނީ ފަށާފައެވެ. އީރާނުގެ ނިއުކްލިއަރ މައްސަލަޔަށް ސުލްޙަވެރި ޙައްލެއް ނުހޯދިއްޖެނަމަ މެދުއިރުމަތީގައި ނިއުކްލިއަރ ހަނގުރާމައެއް ފެށިދާނެ ކަމުގެ ނިޝާންތައް ދޭތެރެ ދޭތެރެއިން ވަނީ ފެނިފައެވެ.