ޚަބަރު

ބޮޑެތި ބަދަލުތަކާއި އެކު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފި

 


ސްކޫލް ތަކުގެ ކިޔަވާދިނުމަށް ބޮޑެތި ބަދަލުތަކާއި އެކު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.


 ރާއްޖޭގެ ދުއިސައްތަ އެކާވީސް ސްކޫލްގެ ތެރެއިން ސަތޭކަ ވިއްސަށްވުރެ ގިނަ ސްކޫލެއްގައި ކިޔެވުން މިދިޔަ އަހަރު އެއް ދަންފަޅި އަށް ބަދަލުކޮށްފައިވާއިރު މިއަހަރުގެ ތެރޭގައިވެސް އިތުރު ސްކޫލްތަކެއް އެއްދަންފަޅިއަށް ބަދަލު ކުރެވިގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިގެންދިޔައިރު އެންމެ ބޮޑު ބަދަލެއްގެ ގޮތުން މިއަހަރު ފެނިގެންދާނެ އެއްބަދަލަކީ، ގްރޭޑް އެކަކުން ފެށިގެން ހަތަކާއި ހަމައަށް ޤުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައަޅައި، މިއަހަރުން ފެށިގެން ކިޔަވައިދޭން ފެށުމެވެ.  މިބަދަލުގެ ދަށުން މިއަހަރު ގްރޭޑް އެކަކުން ހަތަކަށް ރާއްޖޭގައި ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި ޤުރުއާން ކިޔަވައިދޭން ފަށާއިރު ކިޔަވައިދޭނެ ޓީޗަރުން ހަމަވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މިއަހަރުގެ ދިރާސީ އާ އަހަރާއެކު އަންނާނެ މުހިއްމު އަނެއް ބަދަލަކީ ސްކޫލްތަކުގައި މަދަނީ ތަޢުލީމު ތަޢާރަފްކުރުމެވެ. މަދަނީ ތަޢުލީމު މިއަހަރުގެ ތެރޭގައި ތަޢާރަފްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށާއި މައިގަނޑު މަސައްކަތް މިހާރު ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.


މިއަހަރުގެ ތެރޭގައި ތަޢުލީމީ ދާއިރާއިން ހާސިލްކުރާން މުހިއްމު ކަންތައްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މިސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހިމެނޭ މައިގަނޑު ހަރަކާތް ތަކުގެ ތެރޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭނެ ސްކޫލެއް ޤާޢިމުކުރާނެ ދެ ރަށެއް ކަނޑައަޅާ ސްކޫލް ކޮންސެޕްޓް ޑިޒައިންކޮށް ނިންމުމާއި، ދަރިވަރުންނަށް އަރަބި ބަސް ދަސްކޮށްދިނުމަށް ޓަކައި ޕްރޮގްރާމެއް ހިންގަން ފެށުމާއި، ސޯޝިއޮލިޖީ ކިޔަވައި ދިނުން ތަޢާރަފް ކުރުމަށްޓަކައި އަޖުމަ ބެލުމުގެގޮތުން ހޮވާލެވޭ ސްކޫލްތަކެއްގެ ސާނަވީ ގްރޭޑްތަކުގައި ކިޔަވައިދޭން ފެށުން ހިމެނެއެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު ފަސް ސްކޫލެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔެވޭނެހެން ޔުނިޓެއް ޤާޢިމުކުރުމާއި، ޚާއްސަ އެހީއަށް ބޭނުންވާ ސްޕެޝަލައިޒްޑް ދެ ޔުނިޓެއް ރާއްޖޭގެ ދެ ސަރަޙައްދެއްގައި ޤާޢިމުކުރުމާއި، ހުރިހާ ސްކޫލެއްގައި ލައިފް ސްކިލް ޕްރޮގްރާމް މިއަހަރުގެ ތެރޭގައި ހިންގަން ފެށުން ހިމެނެއެވެ.


 
 


މިއަހަރު މާލޭގެ ސްކޫލް ތަކުގެ ގްރޭޑް އެކަކަށް އެއްހާސް އަށްސަތޭކައަށް ވުރެން ގިނަ ދަރިވަރުން، އަދި ގްރޭޑް އަށަކަށް އެގާރަސަތޭކައަށް ވުރެން ގިނަ ދަރިވަރުންނަށް ވަނީ ޖާގަދީފައެވެ. އަދި އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ވަނުމަށް އެދުނު އަށްސަތޭކަތިރީސް ދަރިވަރުންނަށްވެސް ވަނީ ޖާގަދީފައެވެ. ރާއްޖޭގެ ދުއިސައްތަ އެކާވީސް ސްކޫލްގެ ތެރެއިން ސަތޭކަ ވިއްސަށްވުރެން ގިނަ ސްކޫލެއްގެ ކިޔެވުން މިދިޔަ އަހަރު އެއް ދަންފަޅި އަށް ބަދަލުކޮށްފައިވާއިރު މިއަހަރުގެ ތެރޭގައިވެސް އިތުރު ސްކޫލްތަކެއް އެއްދަންފަޅިއަށް ބަދަލުކުރެވިގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.