ދުނިޔެ

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދެނީ
 


އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގެ ގޮތުން މިދިޔަ ނޮވެމްބަރުމަހު އީރާނާއި ހުޅަނގުގެ ބޮޑެތި ބާރުތަކާދެމެދު ސޮއިކުރި އެއްބަސްވުން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން އީރާނުން ދީފައިވާތީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދޭންފަށާނެކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.


 
ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ބައެއް ފިޔަވަޅުތަކަށް ލުއިދިނުމުގެ އިތުރުން އީރާނާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް ނޭޅުމަށް ކޮންގްރެސްގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށާ އީރާނާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމަށް ކޮންގްރެސް އިން ފާސްކޮށްފިނަމަ ރިޔާސީ ބާރުތައް ބޭނުން ކުރައްވައިގެން އެކަމާދެކޮޅަށް ވީޓޯ ކުރައްވާނެ ކަމަށެވެ.


 
 


އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގެ ގޮތުން މިދިޔަ ނޮވެމްބަރުމަހު އެގައުމާއި ހުޅަނގުގެ ބޮޑެތި ބާރުތަކާދެމެދު ސޮއިކުރި އެއްބަސްވުން ބިނާވެފައިވަނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރާ މިންވަރު ވަކިވަރަކަށްވުރެ މައްޗަށް ނުގެންގޮސް ނިއުކްލިޔަރ ބައެއް ހަރަކާތްތައް މަޑުޖައްސާލުމުން އޭގެބަދަލުގައި ދަތިކުރުމުގެ ފިޔަވަޅުތަކަށް ހުޅަނގުން ލުއިދިނުމުގެ މައްޗަށެވެ. މިއެއްބަސްވުން ތަންފީޒުކުރާނެ ގޮތްތަކާބެހޭގޮތުން އީރާނާއި ހުޅަނގާއި ދެމެދު އެއްބަސްވުމަކަށް އައުމާއެކު އީރާނުންވަނީ މިމަހުގެ ވިހިން ފެށިގެން މިއެއްބަސްވުން ތަންފީޒުކުރަން ފަށާނެކަން އިއްލާންކޮށްފައެވެ.