ވިޔަފާރި

އަހަރު ނިމިގެންދިޔައިރު ރާއްޖޭގެ އުފެއްދުންތެރިކަންހުރީ 3.7 އިންސައްތައިގަ
 


މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 4.3 އިންސައްތައަށް ކުރިއަރާނެކަމަށް ލަފާކޮށްފައިވީނަމަވެސް އަހަރު ނިމިގެންދިޔައިރު ރާއްޖޭގެ އުފެއްދުންތެރިކަންހުރީ 3.7 އިންސައްތައިގައި ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގްއިން ހާމަކޮށްފިއެވެ.


 
ޑިޕާޓްމެންޓް އޮފް ނެޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފައިތުވި 2013 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން އަންދާޒާ ކުރި މިންވަރަށް ވުރެ ވަނީ ދަށް ވެފައެވެ. 2003 ގެ އަގުން ބަލާއިރު މިދިޔަ 2013ވަނަ އަހަރު ޖީޑީޕީގެ ބޮލަކަށް ޖެހިފައިވަނީ 3846 ޑޮލަރެވެ. އެއީ ފަންސާސް ނުވަހާސް ތިންސަތޭކަ ފަސް ދިވެހި ރުފިޔާއެވެ. 2013 ވަނަ އަހަރު އުފެއްދުންތެރިކަން އަންދާޒާކޮށްފައިވާ މިންވަރަށް ކުރިއަރާފައި ނުވަނީ، 2013 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކުރުމުގެ ދާއިރާއާއި ތަކެތި އުފެއްދުމުގެ ދާއިރާ އަންދާޒާކޮށްފައިވާ ވަރަށް ކުރިއަރާފައި ނުވާތީކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ޕްލޭނިންގއިން ވަނީ ހާމަކޮށްފައެވެ.


 
2013 ވަނަ އަހަރު ފަތުވެރިކަމަށް އައިސްފައިވާ ކުރިއެރުންތަކަށް ބިނާކޮށް ފަތުވެރިކަން ކުރިން އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ކުރިއަރާނެކަމަށް ލާފާކޮށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ޕްލޭނިންގއިން ވަނީ، 2014 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 4.5 އިންސައްތައަށް ކުރިއަރާނެކަމަށް ލަފާކޮށްފައެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާގައި މައިގަނޑު ހަތަރު ސިނާއަތެއް ވާދަކުރަމުން އަންނަ އިރު އިޤްތިސާދުގައި އެންމެ ހަލުވި ކަމާއި އެކު ކުރިއަރަމުން އަންނަނީވެސް ފަތުރުވެރިކަމުގެ ސިނާއަތެވެ. ދަތުރުފަތުރުކުރުމާއި އިމާރާތްކުރުމުގެ ސިނާއަތްވެސް ވަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިފައެވެ. މިއަހަރު ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ހަލުވި ކަމާއި އެކު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު، ފައިތުވި އަހަރަކީވެސް މިސިނާއަތުން ބޮޑެތި ކުރިއެރުންތަކެއް ހޯދި އަހަރެކެވެ. އެގޮތުން އަހަރެއްގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ފުރަތަމަ ފަހަރަށް 1 މިލިއަނަށް އަރާފައިވަނީވެސް ފައިތުވި އަހަރުގައެވެ.    


 
 


އުފެންދުންތެރިކަމުގެ ދާއިރާގައި ހިމެނޭ މަސްވެރިކަމުގެ ސިނާއަތަކީ ފައިތުވި އަހަރުތަކުގައި އެންމެ ކުޑަކޮށް ކުރިއަރަމުން އައި ސިނާއަތެވެ. ނަމަވެސް ފައިތުވި އަހަރު މިސިނާއަތްވެސް ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އޮކްޓޫބަރ މަހުގެ ނިޔަލަށް މަސް އެކްސްޕޯޓް ކުރި ނިސްބަތްވަނީ 34 އިންސައްތަ އިތުރުވެފައެވެ. އަދި މަސް އެކްސްޕޯޓްކޮށްގެން 11.2 މިލިއަން ޑޮލަރުގެ އާމްދަނީ ޤައުމަށް ވަދެފައިވާއިރު މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ދޯނި ފަހަރުން މަސްކިރުވި ނިސްބަތްވެސް ވަނީ 21 އިންސައްތަ އިތުރުވެފައެވެ.