ދީން

ފިތުރު ޒަކާތަށް އިއްޔެގެ ނިޔަލަށް މާލެއިން ދެ ލައްކަރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި އިއްޔެގެ ނިޔަލަށް މާލެއިން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފި.

އެމިނިސްޓްރީން ބުނީ އެސްއެމްއެސް މެދުވެރިކޮށް ފޮނުވިމެސްޖްތައް ނުލާ ދެލައްކަ ފަސްދޮޅަސްހަތްހާސް ދުއިސައްތަ އައްޑިހަ ރުފިޔާ ޒަކާތުގެގޮތުގައި ލިބިފައިވާކަމަށް.  މިއީ ނުވަހާސް ނުވަސަތޭކަ ސާޅީސްހަތަރު މީހުން ދައްކާފައިވާ ފައިސާ. ފިތުރު ޒަކާތް ދެއްކުމުގައި މާލޭ ސަރަހައްދުގައި ހިމެނެނީ މާލޭ، ވިލިމާލޭ، އަދި ހުޅުމާލޭ.

މީގެ އިތުރަށް ވަތަނިއްޔާ، ދިރާގު އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ޒަކާތްދައްކައިގެން ފަސްދޮޅަސްނުވަހާސް އަށްސަތޭކަފަސްދޮޅަސް ރުފިޔާ ލިބިފައިވާކަމަށް އެމިނިސްޓްރީން މަޢުލޫމާތުދޭ.

އިސްލާމިކް މިނިސްޓްރީގެ ޕާރމަނަންޓް ސެކެރެޓަރީ މުޙައްމަދު ދީދީ ވިދާޅުވީ ޒަކާތް ދެއްކުމަށް  އަންނަ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ގިނަވަމުންދާކަމަށް.

ޒަކާތް ދެއްކުމުގެ އެންމެ ފަހު ދުވަހެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވަނީ ރަމަޟާންމަހުގެ ހަތާވީސްވަނަ ދުވަސް. އެއީ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަސް.

ފިތުރު ޒަކާތް ހޯދުމަށްއެދި ނަންނޯޓުކުރުމަށް އަންނަ ފަގީރުންގެ އަދަދުވެސް ގިނަ ކަމަށް މުހައްމަދު ދީދީ ވިދާޅުވި. އެގޮތުން މިހާތަނަށް ހަތަރުހާސް ފަސްސަތޭކަ މީހުން ނަންނޯޓުކޮށްފައިވާކަމަށާއި ނަންނޯޓުކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި ދިހަހާހަށްވުރެން ގިނަ މީހުން ނަންނޯޓުކުރާނެކަމަށް ބެލެވޭކަމަށް. މިދިޔަ އަހަރު ފިތުރު ޒަކާތަށް އެދި މާލޭއިން އެކަނި ނުވަހާހަށްވުރެ ގިނަ މީހުން ނަންނޯޓްކޮށްފައިވޭ.

ޒަކާތަށް އެދި ނަންނޯޓުކުރުމުގެ އެންމެ ފަހު ތާރީޚަކީ ރަމަޟާންމަހުގެ ސަތާރަވަނަ ދުވަސް. ފަގީރުންގެ ގޮތުގައި ބަލާނީ އާމްދަނީއަށް ދެހާސް ރުފިޔާ ނުލިބޭމީހުން.

ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އިސްލާމީ މަރުކަޒުންނާއި ރަށްރަށުގެ ކައުންސިލްތަކުންނާއި ބީއެމްއެލް މެދުވެރިކޮށް އޮންލައިންކޮށް އަދި ދިރާގާއި ވަތަނިއްޔާ މެދުވެރިކޮށް އެސްއެމްއެސް ފޮނުވައިގެން ޒަކާތްދެއްކޭނެ އިންތިޒާމް މިނިސްޓްރީންވަނީ ހަމަޖައްސާފަ.

 

ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ދައްކަންޖެހޭނީ ބާސްމަތީ ހަނޑުލުންނަމަ ފަސްދޮޅަސް ރުފިޔާ، ތައިލޭންޑް ހަނޑުލުންނަމަ ސާޅީސް ރުފިޔާ އަދި އާދައިގެ ހަނޑުލުންނަމަ ދިހަ ރުފިޔާ.