ޚަބަރު

އަމިއްލަ ޚަރަދުގައި އެނބުރި ގައުމަށްދާން ބޭނުންވާ ބިދޭސީންގެ ކިއު ދިގު
 


އަމިއްލަ ޚަރަދުގައި އެނބުރި ގައުމަށްދާން ބޭނުންވާ ބިދޭސީންނަށް ހުޅުވާލި " ވޮލަންޓަރީ ޑިޕާރޗަރ" ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާއިރު، އެހެން ދުވަސްތަކާ ޚިލާފަށް ކިޔޫގައި ޖެހޭ ބިދޭސީންގެ އަދަދު މިއަދު އިތުރުވި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.


 
މިއަދުގެ ބާރަ ޖެހުމާ ހަމަޔަށް 200 އަށްވުރެ ގިނަ މީހުން ރެޖިސްޓަރ ވެފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.  މި ޕްރޮގްރާމްގައި ރަޖިސްޓްރީ ވުމަށް އަތޮޅުތަކުންވެސް ބިދޭސީން އަންނަ ކަމަށާއި، ޑިސެމްބަރ 23 ފެށިގެން މިއަދާ ހަމަޔަށް ތޭރަސަތޭކަ އަށްވުރެ ގިނަ މީހުން ރެޖިސްޓަރ ވެފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.


 
އެހެންނަމަވެސް މިއީ އުންމީދު ކުރި ވަރަށްވުރެ މަދު އަދަދެއް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.  


 
ވޮލަންޓަރީ ޑިޕާރޗަރ ޕްރޮގްރާމަކީ  އަމިއްލަ ޚަރަދުގައި އެނބުރި ގައުމަށްދާން ބޭނުންވާ ބިދޭސިންނަށް  އެ ފުރުސަތު ދިނުމުގެ ގޮތުން އިމިގްރޭޝަނުން ޑިސެމްބަރ 23 މި ޖަނުއަރީ 6 ވަނަ ދުވަހުގެ ނިޔަލަށް ފަށަފައިވަ ޕްރޮގްރާމެކެވެ.