ޚަބަރު

ކައުންސިލްތަކުގެ ދައުރު ބަދަލުކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލައިފި
 


އާ ކައުންސިލްތައް އިންތިޚާބުކޮށް، ކައުންސިލްތަކުގެ ދައުރު ބަދަލުކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލައި ކައުސިލްތަކާ ހިއްސާކޮށްފިއެވެ.


 
ލޯކަލް ގަވަރމެންޓް އޮތޮރިޓީ، އެލްޖީއޭއިން  މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، މިއީ ފެބުރުއަރީ ސައްބީސް ވަނަ ދުވަހު ކައުންސިލަރުން ހުވާ ކުރުމާ ހަމަޔަށް ކައުންސިލް ތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ބެހޭ އޮނިގަނޑެއް ކަމަށާއި، މި އޮނިގަނޑުގެ ދަށުން ކައުންސިލް ތަކުގައި އިންތިގާލީ ކޮމެޓީއެއް އެކުލަވާ ލެވޭނެ ކަމަށެވެ. ހުރިހާ ކައުންސިލް ތަކަކުންވެސް މިއަދާ ހަމަޔަށް ކޮމެޓީ އެކުލަވާލައި ނިންމަން ޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.


 
ކޮމެޓީގައި ހިމެނޭނީ ތިން މެންބަރުން ކަމަށާއި، އެއީ ކައުސިލްގެ ޒިންމާދާރު ވެރިޔާއާ، ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލްގެ އިދާރީ މުވައްޒަފެއްކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. މިފަދަ ކޮމެޓީއެއް އެކުލަވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ދައުރު ނިމިގެންދާއިރު ނިމިގެންދާ ދައުރުގައި ވެފައި ހުރި ކަންތަކާއި، ކުރިއަށް ރާވާފައި ހުރި ކަންތަކާއި، ހުރި ގޮންޖެހުންތަކާއި އެނޫންވެސް ކަންކަން، އަލަށް އިންތިޚާބުވާ ކައުސިލަރުންނަށް އަންގައިއިދިނުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން އަށް ކަމެއް އަންގައިދިނުމަށް ހަމަޖެހިފައިވާކަމަށް އަދާމް ޝަރީފް ފާހަގަ ކުރެއްވިއެވެ.


 
 


އޭގެތެރޭގައި ކައުންސިލްތަކުން ފަށާފައިވާ ޕްރޮޖެކްޓްސް ތަކާއި، ދިމާވެފައިވާ މައްސަލަތަކާއި، ފައިސާގެ މުއާމަލާތްތައް ހިމެނޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ކައުންސިލް ގާނޫނަށް ހޭލުންތެރި ކުރުމުގެ ގޮތުން ހުރިހާ ކައުންސިލްތަކަށްވެސް މައުލުމާތު ދިނުމުގެ ސެޝަން ތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.