ޚަބަރު

މަކަރާއި ހީލަތުން މީސްމީހުންގެ އަތުން ފައިސާ ހޯދުން އާންމު
މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީސްމީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް މިދުވަސްކޮޅު ފުލުހުންނަށް، ހުށަހަޅަމުންދާކަމަށާއި، ރައްޔިތުން މިކަމަށް ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިލްތިމާސް ކުރައްވައިފިއެވެ.


 
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙު ވިދާޅުވީ، އެކި ނަންބަރުތަކުން މީހުންނަށް ގުޅައި، ވިޔަފާރިއެއްގެ މަންފާ އޮތްކަމަށް ދައްކައި، އޮޅުވާލައިގެން މީހުންގެ އަތުން ގިނަ ޢަދަދަކަށް ފައިސާހޯދަމުންދާ މައްސަލަތަކެއް މިދިޔަ ހަފްތާގައި ތެރޭގައި ހުށަހެޅިފައިވާކަމަށެވެ.


 
ފުލުހުން ބުނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްއާއި، ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަންތަކެއްގައި މިކަމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވި 6 މީހަކު މިދިޔަ ހަފްތާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، މިމައްސަލައާއި ގުޅުންހުރި އިތުރު ބަޔަކުހޯދުމުގެމަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.


 
 
މީގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ޝަތީހު ވިދާޅުވީ، މިމީހުންނަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރަމުންދާ ބަޔަކަށްވާތީ ފޯނުކުރުމަށްޓަކައި އެމީހުންގެ ފޯނުތައް ރީޗާޖްކުރުމަށް އެދުމާއި މިގޮތުން ކުރެވޭ މުޢާމަލާތްތަކުގައި ފައިސާ ޚަރަދުކުރަން އެދެނީ އެފައިސާއަށްވާ ޑޮލަރު އެމީހުންނަށް ފަހުން ލިބޭނެކަމަށް ދައްކައިގެންކަން ފުލުހުން ހުށަހެޅިފައިވާ މައްސަލަތަކުން ފާހަގަކުރެވިފައިވާކަމަށެވެ.


 
 
އެހެން ކަމުން މިފަދަ ފޯންކޯލްތަކަށް އާއްމު ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވެ މިފަދަ ކަމަކަށް ޝައްކުރެކުވޭ މުޢާމަލާތެއް ހިނގާނަމަ ލަސްނުކުރައްވާ އެ މަޢުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށާއި، ގޮތް ނޭނގޭ އެއްވެސް ފަރާތަކުން ގުޅައިގެން ފައިސާގެ މުޢާމަލާތެއް ހިންގަން އެދޭނަމަ އެފަދަ ގޮތަކަށް ފައިސާގެ އެއްވެސް މުޢާމަލާތެއްގައި އެއްވެސް ގޮތަކުން ބައިވެރިނުވުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.