ޚަބަރު

ކޯޓުތަކަށް ފަނޑިޔާރުން ބަދަލު ކުރުމަށް ނިންމި ނިންމުން ބާތިލް ކޮށްފި

 





ދަށުކޯޓުތަކުގެ ބައެއް ފަނޑިޔާރުން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝިއަލް ސަރވިސް ކޮމިޝަނުން މިމަހުގެ ނުވަ ވަނަދުވަހު ނިންމާފައިވާ ނިންމުމަކީ ބާތިލް ނިމެއްމަކަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.


 
އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަޙްމަދު ފާއިޒު ހުސައިން ސޮއިކުރަށްވާ މިއަދު ނެރުއްވާފައިވާ އަމުރުގައި ބުނެފައިވަނީ މިފަދަ ނިންމުމެއް ނިންމުމަކީ ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ލިބިގެންވާ މުޠުލަޤު ބާރެއް ނޫން ކަމަށާއި، އެފަދަ ނިންމުމެއް ނިންމޭނީ ޖުޑީޝިއަލް ކައުންސިލްގެ ހުށައެޅުމަކަށް ކަމަށެވެ.


 
2011 ވަނަ އަހަރު އޭރުއޮތް ޖުޑީޝިއަލް ކައުންސިލް އުވިގެން ދިއުމާއެކު މި ކައުންސިލްގެ މަސްއޫލިއްޔަތުތަށް އަދާކުރަމުންދަނީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ މަތީ ބާރު ކަމުގައިވާ ސުޕްރީމް ކޯޓުންނެވެ.


 
ފަނޑިޔާރުން ބަދަލުކުރަން ޖޭއެސްސީން ނިންމި ނިންމުމަށް އަމަލު ނުކުރެވޭނެކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު މީގެ ކުރިންވެސް ވަނީ ޖޭއެސްސީ އަށް ސިޓީފުޅެއްވެސް ފޮނުވާފައެވެ.


 
ޤާނޫނު އަސާސީގައި ވާގޮތުން އެންމެ ފަހުބަސް ބުނާ ބަޔަކީ ސުޕްރީމް ކޯޓުކަމަށްވުމާއެކު ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓާއި ޖުވެނައިލް ކޯޓްގެ ބައެއް ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމަށް ޖޭ.އެސް.ސީ އިން ނިންމި ނިންމުން މިހާރުވަނީ ބާތިލްވެފައެވެ.