ޚަބަރު

މަޖިލިސް ޖަލްސާތައް މިއަހަރަށް ނިންމާލުން




ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ނިންމާލައިފިއެވެ.


 
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާއާއި އެކު ނިންމާލާފައިވާއިރު، މަޖިލީހުގެ ރައީސް ވިދާޅުވީ މިއަހަރަކީ މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއްކަމަށެވެ.


އެގޮތުން ނަވާރަ ބިލެއް މިއަހަރުގެ ތެރޭގައި ޤާނޫނުތަކަށް ހަދާފައިވާކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި ގިނަ ބިލުތަކެއް ކޮމިޓީ މަރުހަލާގައިވާކަން ފާހަގަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެބިލުތަކުގެ މަސައްކަތް މަޖިލީހުގެ ޗުއްޓީ ދުވަސްވަރު ކުރިއަށް ގެންގޮސް، ބިލުތަކުގެ މަސައްކަތް ނިންމަވާދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.


 
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ނިންމާލާފައިވާއިރު، ދެން މަޖިލީހުގެ ޖަލްސާތައް ފަށާނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އަންނަ އަހަރުގެ މާރޗްމަހުއެވެ.


މިހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ، އަންނަ އަހަރުގެ މޭމަހުގެ ތެރޭގައެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ މާރޗްމަހުއެވެ.