ދުނިޔެ

ކެމިކަލް ހަތިޔާރު ބޭލުމަށް ސޫރިޔާއިންދޭ އެއްބާރުލުން އިތުރުކުރުމަށް އެދެފި

ސޫރިޔާގައި ހުރި ނުރައްކާތެރި ކެމިކަލް ހަތިޔާރު އެޤައުމުން ބޭލުމުގައި ފޯރުކޮށްދެމުންދާ އެއްބާރުލުން ވީހާވެސް ބޮޑަކަށް އިތުރުކުރުމަށް، ކެމިކަލް ހަތިޔާރުތަކާ ބެހޭ ބައިނަލްއަޤްވާމީ އިދާރާއިން ސޫރިޔާއަށް ގޮވާލައިފިއެވެ.


 
މިދަނޑިވަޅުގައި އެ ޖަމިއްޔާއިންވަނީ ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުތައް އެޤައުމުން ބޭރު ކުރުމުގެ ސުންގަޑިއަށް މަސައްކަތްތައް ނިންމާ ނުލެވިދާނެކަމުގެ އިޝާރާތްތަކެއްވެސް ކޮށްފައެވެ.


  
ސޫރިޔާގައި ހުރި ގެއްލުންދެނިވި ނުރައްކާތެރި ކެމިކަލް ހަތިޔާރުތައް އެޤައުމުން ބޭލުމަށް، ސޫރިޔާގެ ލަތާކިއާއަށް ދަތުރުކުރުމަށްޓަކައި ނޯވޭގެ އަސްކަރީ ބޯޓެއް މިހާރުވަނީ ތައްޔާރުވެފައެވެ. ކެމިކަލް ހަތިޔާރުތަކާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ – އޯ.ޕީ.ސީ.ޑަބްލިއުއިން ބުނީ، ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުތައް ބަނދަރާ ހަމަޔަށް ގެނައުމުގައި ހުރި ނުރައްކާތައް ކުޑަކުރުމަކީ ސޫރިޔާގެ ޒިންމާއެއްކަމަށެވެ.  


 
މިއަހަރުގެ އޯގަސްޓްމަހު ސޫރިޔާގައި ދިން ސާރިން ގޭހުގެ ހަމަލަޔާ ގުޅިގެން އެޤައުމާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ފިޔަވަޅު އެޅުމާ ހަމައަށް ކަންތައްތައް ގޮސްފައިވަނިކޮށް، ސޫރިޔާއިންވަނީ އެޤައުމުގައި ހުރި ކެމިކަލް ހަތިޔާރުގެ ސްޓޮކް ނައްތާލުމަށް އެއްބަސްވުމަކަށް އައިސްފައެވެ.


އެމެރިކާއާއި ރަޝިޔާގެ އެއްބާރުލުމާއެކު އެކުލަވާފައިވާ އެއްބަސްވުމުގައި ވާ ގޮތުން، 2014 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސް ނިމެންވާއިރު، ސޫރިޔާގައި ހުރި ހުރިހާ ކެމިކަލް ހަތިޔާރަކާ ޢާލާތްތަކެއް އެޤައުމުން ބާލާ، ހުސްކުރަންޖެހެއެވެ.


 
ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލުމަށް ހަމަޖެހިފައިވަނީ އިޓަލީވިލާތަށް ގެންދިއުމަށްފަހު، އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރަކަށް ބަރުކޮށް، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދަށް ގެންގޮސްގެންނެވެ. މި ގޮތަށް މިތަކެތި ނައްތާލުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްސަކޮށްގެން އުފައްދާފައިވާ ޓައިޓޭނިއަމް ޓޭންކެއްގައެވެ.


 
ކެމިކަލް ހަތިޔާރުތައް ނައްތާލުމާ ބެހޭ އިދާރާ – އޯ.ޕީ.ސީ.ޑަބްލިއުއިން ބުނީ، ކެމިކަލް ހަތިޔާރު ސޫރިޔާއިން ބޭލުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާކަމަށެވެ. އެ އިދާރާގެ އިސްވެރިޔާ – އަހުމަދު އުޒުމްޖޫ ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމަޢު އޮތީ ތައްޔާރަށް ކަމަށެވެ.


 
މިދަނޑިވަޅުގައި ސޫރިޔާގައި ހަރަކާތްތެރިވާ އޯ.ޕީ.ސީ.ޑަބްލިއުއާއި އދ ގެ ގުޅިފައިވާ މިޝަންއިން ބުނީ ސޫރިޔާގެ ސަލާމަތީ ޙާލަތު މިވަގުތު އޮތް ގޮތަށް ބަލާއިރު، ސުންގަޑި ޖެހުމުގެ ކުރިން، ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުގެ ސްޓޮކް އެޤައުމުން ބާލާ ހުސްކުރުމުގެ ފުރުޞަތު ކުޑަކަމަށެވެ.


ސޫރިޔާއިން މި ހަތިޔާރުތައް ބޭލުމުގެ ސުންގަޑިއެއްކަމުގައި ހަމަޖައްސާފައިވަނީ ނިމެމުން މިދާ ޑިސެމްބަރު މަހުގެ އެއްތިރީސްވަނަ ދުވަހެވެ.


 
ސޫރިޔާގެ ސަލާމަތީ ކަންތައްތަކުގެ ޙާލަތު ހުރި ގޮތުން، ކެމިކަލް ހަތިޔާރުގެ ސްޓޮކް އެއްތަނުން އަނެއް ތަނަށް ބަދަލުކުރުމުގައި ލަސްވަމުންދާކަން ފާހަގަކޮށް ނެރެފައިވާ މިބަޔާނުގައި، ބޭރުގެ ނުފޫޒުތަކުގެ ސަބަބުންވެސް ސުންގަޑިއަށް ބުރޫއަރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.


 
ސޫރިޔާގައި ހުރި ނުރައްކާތެރި ކެމިކަލް ހަތިޔާރުގެ ޢަދަދު އެއް ހާސް ޓަނަށް އަރާނެކަމަށް ބެލެވެއެވެ. ކެމިކަލް ހަތިޔާރުގެ ސްޓޮކް ނައްތާލަން ފަށާފައިމިވަނީ މިއަހަރު ތެރޭގައި ދިން ކެމިކަލް ޙަމަލާތަކުގައި ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައިވަނިކޮށެވެ. މިއަހަރުގެ އޯގަސްޓްމަހު ސޫރިޔާގައި ކެމިކަލް ހަތިޔާރުގެ ބާރުގެ ބޭނުންކޮށްފައިވާކަން ތަޙުޤީގުތަކަށް ކަށަވަރުވެފައިވީނަމަވެސް، މި ޙަމަލާތަކުގެ ފަހަތުގައިވަނީ ސޫރިޔާގެ ސަރުކާރު ކަމެއް ނުވަތަ ސަރުކާރާ ދެކޮޅު ފަރާތްތަކެއްކަން އަދިވެސް ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢަށް ނޭނގިއެވެ.