ޚަބަރު

މެޕްސް ކޮލެޖާއި އޭ.އައި.ބީ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

 


މެޕްސް ކޮލެޖާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒިނަސް (އޭ.އައި.ބީ) އާ ދެމެދު އެފިލިއޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.


 
މެޕްސް ކޮލެޖްގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި މެޕްކޮލެޖްގެ ފަރާތުން ސޮއި ކުރެއްވީ، އެ ކޮލެޖްގެ ރެކްޓަރ އަލްފާޟިލް އަޙްމަދު އަލީއެވެ.  އަދި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޭ.އައި.ބީގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްގެ މާރކެޓިންގ ޑިރެކްޓަރ ޖޮއެލް އަބްރަހަމްއެވެ.


 
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މެޕްސް ކޮލެޖްގެ ރެކްޓަރ އަލްފާޟިލް އަޙްމަދު އަލީ ވިދާޅުވީ، އޭއައިބީއާއި އެކު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން އޭއައިބީއިން ހިންގާ ބިޒްނަސް މެނޭޖްމެންޓްގެ ދާއިރާގެ ބެޗްލާރސް ޑިގްރީ ކޯހާއި، މާސްޓާރގެ ޕްރޮގްރާމްތައް އަންނަ އަހަރުން ފެށިގެން މެޕްސް ކޮލެޖުން ކިޔެވުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށެވެ.


 
އަދި ރާއްޖޭގައި ތިބެގެން ހެޔޮއަގުގައި ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ލިބިގެން ދިޔުމަކީ މެޕްސްކޮލެޖަށާއި، މުޅި ރާއްޖޭގެ މަތީ ތައުލީމަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ.


 
 


މި ރަސްމިއްޔާތުގައި އޭއައިބީގެ ފަރާތުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭ އެކި މައުލޫމާތު މެޕްސްކޮލެޖްގެ ދަރިވަރުންނާވަނީ ހިއްސާކޮށްފައެވެ.