ސިޔާސީ

މެމްބަރު ނަޝީދު ހުށަހެޅުއްވި ދެބިލެއް ބަލައިގެންފި

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ވެކޭޝަން ހޯމްގެ ބިލާއި، ލާޒިމު ޖޫރިމަނާގެ ޙައްޤު ލިބިދިނުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފިއެވެ.މިބިލުތަކުގެ ތެރެއިން ވެކޭޝަން ހޯމްގެ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސްކުރުމަށްފަހު، މިބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ މިކަމަށް ނެގި ވޯޓްގައި ބައިވެރިވި ތިރީސް ނުވަ މެމްބަރުންގެ އިއްތިފާޤުން.  މިބިލު މަޖިލީހަށް ބަލައިގަތުމަށްފަހު އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ އިޤްތިސާދީ ކޮމިޓީއަށެވެ.  ލާޒިމު ޖޫރިމަނާގެ ޙައްޤު ލިބިދިނުމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ ވޯޓްގައި ބައިވެރިވި ސާޅީސް މެމްބަރުންގެ އިއްތިފާޤުންނެވެ. މިބިލު މަޖިލީހަށް ބަލައިގަތުމަށްފަހު އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ އިޤްތިސާދީ ކޮމިޓީއަށެވެ.މަޖިލީހަށް މިއަދު ބަލައިގަތް ބިލުތަކުގެ ތެރެއިން ލާޒިމު ޖޫރިމަނާގެ ޙައްޤު ލިބިދިނުމުގެ ބިލަކީ، މުދަލެއް ނުވަތަ ހިދުމަތެއް ދޭ ފަރާތްތަކަށް ލިބެންޖެހޭ އަގު، އަދާނުކޮށް ފާއިތުވާ ދުވަސްތަކަށް ޖޫރިމަނާ ނެގޭ އުސޫލުތައް ބަޔާންކޮށްފައިވާ ބިލެކެވެ. މިބިލު ހުށަހެޅުމުގެ ބޭނުންތަކުގެ ތެރޭގައި ގަންނަ މުދަލަށް ނުވަތަ ހޯދާ ހިދުމަތަށް އަގު އަދާކުރަންޖެހޭ ވަގުތަށް އަގު އަދާކުރުމުގައި ލަސްކުރާކުރުން ހުއްޓުމަކަށް ގެނައުން ހިމެނޭކަމަށް ނަޝީދު ވިދާޅުވިއެވެ. ވެކޭޝަން ހޯމްގެ ބިލަކީ، ވެކޭޝަން ހޯމްގެ ވިޔަފާރިކުރުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލުތަކާއި، އެވިޔަފާރިކުރާ ފަރާތަށް ލިބިދެވޭ ހައްޤުތައް ބަޔާންކުރެވިފައިވާ ބިލެކެވެ. ވެކޭޝަން ހޯމް އަކީ އާއްމުކޮށް ދިރިއުޅުމަށް ބޭނުންނުކޮށް، ޗުއްޓީ ހޭދަކުރުމުގެ ބޭނުމުގައި ބޭނުންކުރުމަށް ބިނާކޮށްފައިވާ، އަދި އަމިއްލަ ޗުއްޓީ ހޭދަކުރުމަށް އެތަން ބޭނުންނުކުރާ މުއްދަތުގައި އެހެން މީހުންނަށް އެތަން ކުއްޔަށް ދީގެން އާމްދަނީ ލިބޭ ގޮތަށް ދިރިއުޅުމަށް ހަދާފައި ހުންނަ ޔުނިޓްތަކެކެވެ. ނަޝީދު ވިދާޅުވީ މިބިލު ހުށަހެޅުއްވީ މިވިޔަފާރި ކުރިއަރުވައި ހަރުދަނާކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ގެނެސްދިނުމަށެވެ.މިއަދުގެ ޖަލްސާގައި މިބިލަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުންވެސް ވަނީ މިބިލަށް ތާއީދުކޮށްފައެވެ. އެގޮތުން ރާއްޖޭގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސްގެ ވިޔަފާރިއަށް މިއީ މުހިއްމު ބިލެއްކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް މިބިލުގައި ގިނަ މިނިސްޓްރީތަކަކަށް ޒިންމާތަކެއް ހަވާލުކުރެވިފައިވާތީ، އޭގެ ސަބަބުން މައްސަލަތަކެއް ނުކުމެދާނެކަމަށް ފާހަގަކުރަށްވަމުން، އެކަން އިސްލާހު ކުރުމަށް މެމްބަރުން އެދިވަޑައިގެންނެވިއެވެ.މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްނުކުރައްވާ އަނބުރާ ފޮނުވާލެއްވީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލު އަލުން ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވުމަށްވެސް މަޖިލީހުން ފާސްކުރިއެވެ.