ޚަބަރު

ރާއްޖެއިން ބޭރުކުރާ މަހުގެ އުފެއްދުން ތަކުގައި ޙަލާލް ލޯގޯޖެހޭނެގޮތް ހަދަނީ
ރާއްޖޭގައި ބާނާ މަހުން އުފައްދާ ބާވަތްތަކަށް ޙަލާލް ލޯގޯ ޖަހާ އެ މަސްތައް އިސްލާމީ ޤައުމުތަކަށް އެކްސްޕޯޓް ކުރެވޭނެގޮތް ހަމަޖެހި މިއަންނަ ހަފްތާއިން ފެށިގެން ޙަލާލް ސެޓްފިކެޓް ދޫކުރެވޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.


 
ރައީސް އޮފީހުގައި ސަރުކާރުގެ ސޯޝަލް ކައުންސިލުން ބޭއްވި  ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ މިދިޔަ ހަފްތާގައި ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ ހަލާލް ސެޓްފިކެޓުގެ ކަންތައްތައް ކަމަށާއި ހަލާލް ސެޓިފިކެޓް ދޫކުރުމުގެ މަސައްކަތަކީ ގާތް ގަނޑަކަށް އަށް އަހަރު ދުވަހުގެ ތާރީޚެއް އޮތް މަސައްކަތެއް ކަމަށެވެ.


 
ރާއްޖޭގައި ބާނާ މަހުން އުފައްދާ ބާވަތްތައް ބޭރު ގައުމުތަކަށް އެކްސްޕޯޓުކުރުމުގައި ދިމާވެފައިވާ އެއް ދައްޗަކީ ހަލާލް ސެޓިފިކެޓް އިޝޫގެ މައްސަލަ ކަމަށާއި ނަމަވެސް މި ސަރުކާރުން އެކަމަށް ހައްލެއް ގެނެސް މި ގަވައިދު އޭޖީގެ ލަފައާއި އެކު  ފުރިހަމަކޮށްފައިވާ ކަމަށާއި މިހާރު އެ ގަވާއިދު ގެޒެޓް ކުރުމަށް ފޮނުވާފައިވާ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.


 
ޝަހީމް ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ މަހުގެ ބާވަތްތަކުގައި ހަލާލް ލޯގޯ ޖެހި އިސްލާމީ ގައުމުތަކަށް މި މަސް އެކްސްޕޯޓު ކުރުމުގެ ފުރުސަތު ތަނަވަސްވެގެންދާނެ ކަމަށާއި އަދި ހުޅަނގުގެ ބައެއް ގައުމުތަކުގައިވެސް ހަލާލް މާކެޓަކީ ވަރަށް ފުޅާކޮށް ކުރިއަރަމުން އަންނަ މާކެޓަކަށްވުމުން އެތަންތަނަށް ވެސް މަހުގެ އުފެއްދުން އެކްސްޕޯޓު ކުރުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.


 
 


ޙަލާލް ސެޓްފިކެޓް ގެ މަސައްކަތަކީ ހެލްތް މިނިސްޓްރީ އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އިސްލާމިކް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްދާ މަސައްކަތެކެވެ.