ވިޔަފާރި

މާލޭގައި ހިންގާ ގަރާޖްތަކާއި ވާރކްޝޮޕްތައް ތައިސޭކޮށްޓަށް ބަދަލު ކުރަނީ

 


 


މާލެތެރޭގައި ހިންގާ ގަރާޖްތަކާއި ވާރކް ޝޮޕްތައް ތައިސޭ ކޮށްޓަށް ބަދަލު ކުރުމަށް މާލެ ސިޓީ ކައުސިލުން ފަށާފައިވާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސާޅީސް އަށް ފަރާތަކަށް ޖާގަ ދޭން ސިޓީ ކައުންސިލުން ނިންމައިފިއެވެ.


 
ތައިސޭ ކޮށްޓަށް ގަރާޖުތަކާއި ވާރކް ޝޮޕްތައް ބަދަލުކުރުމަށް އެދި ހުށައަޅާފައިވާ ފަރާތްތަކާއެކު މާލެ ސިޓީ ހޯލުގައި ބޭއްވި ބައްދަލު ވުމަށްފަހު، މީޑިއާއަށް މަޢްލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ތައިސޭ ކޮށިން ޖާގަ ހޯދުމަށް އެދިފައިވާ ފަރާތްތަކަށް ޖާގަ ދިނުމުގައި ބަލާފައިވަނީ، މަސައްކަތުގެ މުއްދަތަށާއި، އާންމުންނަށް ބޮޑަށް އުނދަގޫވާ ސަރަހައްދު ތަކުގައި ހުރި ގަރާޖާއި ވާރކް ޝޮޕްތަކަށް ކަމަށެވެ.



ޝުޖާއު ވިދާޅުވީ، ތައިސޭ ކޮށްޓަށް ގަރާޖްތައް ބަދަލުކުރެވޭނީ މިހާރު މާލެ ތެރޭގައި އެ ފަރާތްތަކުން ހިންގަމުންދާ ތަންތަން ބަންދު ކުރުމަށް ޝަރުތުކޮށް އެއްބަސް ވުމެއްގެ ދަށުން ކަމަށެވެ. އެހެން ކަމުން އެފަރާތްތަކަށް އެހެން ތަނެއްގައި ވާރކްޝޮޕް ފަދަ ތަންތަން ނުހިންގޭނެ ކަމަށްވެސް ވިދާޅުވިއެވެ. ޝުޖާއު ވިދާޅުވީ މާލޭން ބޭރަށް ގަރާޖްތަކާއި ވޯކްޝޮޕްތައް ގެންދިއުމަށް ކުރިންވެސް  މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެ ގޮތުން ކައުންސިލް ވުޖޫދަށް އައި އިރު ވެސް ވޯކްޝޮޕް ހިންގުމުގެ ހުއްދަ ދިނުން ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް ތަފާތު އެހެން ހުއްދަތަކުގެ ދަށުން މިފަދަ މަސައްކަތްތައް ބައެއް ފަރާތްތަކުން އަލަށް ފަށައި، މަސައްކަތްކުރަމުން އަންނަ ކަމަށާއި މި ގޮތަށް ގަވާއިދާ ޚިލާފަށް ހުރި ތަންތަން ބަންދުކޮށް ހައްލެއް ހޯދުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މާލެ ސިޓީކައުންސިލްގެ މެންބަރު އަހުމަދު ހަމީދު ވިދާޅުވީ ތައިސޭ ކޮށިން ޖާގަ ހޯދުމަށް 87ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި، އެހެން ނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ދީފައި އޮތް ބިމުން ދެވެން އޮތީ 614 އަކަ ފޫޓުގެ  48 ޖާގަ ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން، ހުޅަނގު ހާބަރު ސަރަހައްދު ތަރައްގީކުރުމުންވެސް ގާތްގަނޑަކަށް މިއަދަދަށް ޖާގަ ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އަހްމަދު ހަމީދު ވިދާޅުވިއެވެ. ޖެނުއަރީ މަސް ނިމުމުގެ ކުރިން ތައިސޭ ކޮށިން ބިންތައް ދޫކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، ބިންތައް ދޫކުރާނެ ފަރާތްތައް ކަނޑައެޅުމަށް ކައުންސިލުން ވަނީ ކުރިމަތިލާފައިވާ ފަރާތްތަކުގެ ވޯޓަކުން ކޮމިޓީއެއް ނަގާފައިވާ ކަމަށް ސިޓީކައުންސިލުން ބުނެއެވެ.