ޚަބަރު

އަފްޣާނިސްތާނު ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވެއްޓިދާނެކަމުގެ އިންޒާރު ދީފި

 


 


2014 ވަނަ އަހަރުގެ ފަހުން އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން ތިބުމާ ބެހޭ އެއްބަސްވުމުގައި އަފްޣާނިސްތާނުން ސޮއިނުކޮށްފިނަމަ އެގައުމު ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވެއްޓޭނެ ކަމުގެ އިންޒާރު އެމެރިކާގެ އޮފިޝަލަކު ދެއްވާފައިވާ ކަމަށް އަފްޣާނިސްތާނު ސަރުކާރުގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.


 
ނަން ހާމަކުރައްވަން ދެކޮޅު ހެއްދެވި އަފްޣާނިސްތާނުގެ އޮފިޝަލު ވިދާޅުވީ މިއިންޒާރު ދެއްވާފައިވަނީ އެމެރިކާއިން އަފްޣާނިސްތާނާ ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޙާއްސަ މަންދޫބު ޖޭމްސް ޑޮބިންސް ކަމަށެވެ. އަފްޣާނިސްތާނުގެ އޮފިޝަލް ވިދާޅުވީ ޑޮބިންސް އެގައުމަށް ވަޑައިގެން އަފްޣާނިސްތާނުގެ ރައީސް ހާމިދް ކަރްޒާޢީއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި މިއެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާ އެހެން ނަމަވެސް މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނިކުމެފައިނުވާ ކަމަށެވެ.


 
 


އަންނަ އަހަރު ބައިނަލްއަޤްވާމީ ލަޝްކަރުތައް އަފްޣާނިސްތާނުން ފައިބާ އިރު، އެމެރިކާގެ ބައެއް ސިފައިން އަފްޣާނިސްތާނުގައި އިތުރު މުއްދަތަށް ބެއިތިބުމަށް އެމެރިކާއިން ވަނީ އެއްބަސްވެފައެވެ. އެހެން ނަމަވެސް މިކަމަށް ޢަމަލު ކުރެވޭނީ ދެގައުމުގެ ދެމެދު ކުރާ ސަލާމަތީ އެއްބަސްވުމުގައި މިއަހަރު ސޮއިކޮށްގެން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.