ސިޔާސީ

އިބްރާހިމް ހުސެއިން ޒަކީ، ސިޔާސީ ހަޔާތް ނިންމާލެއްވިކަން އިއުލާންކޮށްފި

 


 


ރާއްޖޭގެ ސިޔާސީ މައިދާނުން ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީ އެނާގެ ސިޔާސީ ހަޔާތް ނިންމާލެއްވިކަން އިއުލާންކުރައްވައިފިއެވެ.


 
ފަސްދޮޅަސް ހަވަނަ އުފަން ދުވަހާ ދިމާކޮށް އިބްރާހިމް ހުސެއިން ޒަކީ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޒަކީގެ ސާޅީސް ދެއަހަރުގެ ސިޔާސީ ހަޔާތަށްފަހު އެ ދާއިރާއިން މުޅިން ދުރަށް ވަޑާއިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ރާއްޖޭގެ ސިޔާސީ ދާއިރާގެ މަތީ މަގާމުތަކަށްވެސް ތާޒާ ޒުވާން ލޭ ހިނގާ، އެތައް ޒުވާނުންތަކެއް ތިބެ ގައުމުގެ ސިޔާސީ ކުރިއެރުމަށްޓަކައި ޒުވާން ލޭގެ ތާޒާކަން ނުހަނު ބޭނުންވާތީ އެ ޒުވާނުންނަށް ފުރުސަތު ދެއްވުމަށް ކަމަށެވެ. ޒަކީ ވިދާޅުވީ ކުރިޔަށް އޮތްތާގައި އޭނާ އެމްޑީޕީގެ އާއްމު މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ހަޔާތުގެ ބާކީ ދުވަސްތަކުގައި މަދަނީ ދާއިރާއާއި އިގްތިސާދީ ދާއިރާގެ ކަންކަން ކުރިއަރުވާ ތަރައްގީ ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.


 
މިގޮތުން މޯލްޑިވްސް އިންސްޓިޓިއުޓް ފޮރ ޕޮލިސީ ސްޓަޑީޒްއާއި މޯލްޑިވްސް އިންސްޓިއުޓް ފޯރ ޑިފެންސް އެނަލިސިސްގެ ނަމުގައި ދެ ޖަމިއްޔާއެއް ކައިރި މުސްތަގްބަލެއްގައި  އުފައްދަވަން ގަސްތުކުރައްވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ގައުމީ ތަރައްގީގައި އިތުރަށް ބައިވެރިކުރުމުގެ މަގްސަދުގައި ދެކުނު އޭޝިޔާގެ ތަރައްގީގެ ބޭންކެއް އުފައްދަން މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ޒަކީގެ ބަޔާނުގައިވެއެވެ.


 
ޒަކީގެ ސިޔާސީ ހަޔާތް ނިންމާލެއްވިކަން އިއުލާންކުރެއްވިއިރު އޭނާ ވަނީ ކުރީގެ ބޮޑުވަޒީރު އަހުމަދު ޒަކީގެ އިތުރުން ކުރީގެ ތިން ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ސަރުކާރުގެ މަތީ މަގާމްތަކެއް ފުރުއްވާފައެވެ. މިގޮތުން ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން  އަބްދޫލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ކެބިނެޓްގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ވަޒީރުންކަން ކުރައްވާފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަމާއި ސާކް ސެކެރެޓަރީ ޖެނަރަލްގެ މަގާމްވެސް ދެ ދައުރު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުން އެމްޑީޕީގެ ވަގުތީ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމްވެސް ޒަކީ ފުރުއްވާފައިވެއެވެ.


 
 


ޒަކީ ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ޒަކީއަށް ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު އަރުވާފައިވެއެވެ.