ޚަބަރު

ލާމަރުކަޒީ ޤާނޫނު އިސްލާހުކުރުމަށް ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފި

 


 


އަތޮޅު ކައުންސިލުތަކުގެ އިންތިހާބު ވަކިން ނުބޭއްވުމަށާއި، ދިހަހާސް މީހުން ހަމަވާ އާބާދީތަކަށް ސިޓީއެއްގެ ދަރަޖަ ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނު އިސްލާހުކުރުމަށް ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.


 
މިއިސްލާހުތައް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލަމާތާއި ބެހޭ ކޮމިޓީގެ މުޤައްރިރު ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެންނަން ކޮމިޓީން ފާސްކުރި އިސްލާހުތަކަކީ މަޖިލީހުގެ މެމްބަރުންނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އަދި ކޮމިޓީން ހުށަހަޅާފައިވާ އިސްލާހުތަކެއްކަމަށެވެ. ނަމަވެސް މިއިސްލާހުތައް ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ކުރިން ލާމަރުކަޒީ ޤާނޫނަށް ގެނެވޭނެކަމަށް ނުބެލެވޭކަމަށް މޫސާ މަނިކު ވިދާޅުވިއެވެ. އެއީ މިބަދަލުތަކާއެކު އެހެން ބައެއް ޤާނޫނުތައްވެސް އިސްލާހުކުރަންޖެހޭތީކަމަށް އޭނާ ވިދާޅުވިއެވެ.


 
ލާމަރުކަޒީ ޤާނޫނަށް ގެންނަން ކޮމިޓީން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ދިހާހަސް މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށަކަށް ނުވަތަ ސަރަހައްދަކަށް ސިޓީއެއްގެ ދަރަޖަދިނުން ހިމެނެއެވެ. ޤާނޫނު މިހާރު އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭނީ ފަންސަވީސް ހާސް މީހުންގެ އާބާދީއެއް ހަމަވާނަމައެވެ.


 


އަތޮޅު ކައުންސިލު އިންތިހާބު ވަކިން ބޭއްވުމުގެ ބަދަލުގައި، ރަށު ކައުންސިލުތަކުގެ މެމްބަރުންގެ ތެރެއިން އަތޮޅު ކައުންސިލަށް މެމްބަރުން އިންތިހާބުކުރާގޮތަށް ޤާނޫނު ބަދަލުކުރުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ. ކޮމިޓީގެ މުޤައްރިރު ވިދާޅުވީ އެލްޖީއޭއިން މި އިސްލާހު ހުށަހެޅުއްވީ އަތޮޅު ކައުންސިލުތަކުގެ ދައުރަކީ ކުޑަ ދައުރަކަށްވެފައި، ވަކިން އިންތިހާބެއް ބޭއްވުމުގެ ބަދަލުގައި ރަށު ކައުންސިލުތަކަށް ހޮވޭ ފަރާތްތަކުގެ މެދުގައި އިންތިހާބެއް ބާއްވައިގެން އަތޮޅު ކައުންސިލަށް މެމްބަރުން އައްޔަންކުރުމަކީ ދައުލަތަށް ހަރަދު ކުޑަވާނެ ގޮތަކަށް ވާތީ ކަމަށެވެ.


 
ލާމަރުކަޒީ ޤާނޫނަށް ގެންނަން ކޮމިޓީން ފާސްކުރި އަނެއް އިސްލާހަކީ ކޮންމެ ރަށެއްގެ އަންހެނުންގެ ކޮމިޓީގެ ރައީސަކީ، އެރަށެއްގެ ރަށު ކައުންސިލުގެ މެމްބަރެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުށަހެޅި އިސްލާހެވެ. އެހެންކަމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުވެސް ކައުންސިލް އިންތިހާބާއެކު އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ބާއްވަން ޖެހޭނެ ކަމަށާއި، ކަނޑައަޅާ އުސޫލެއްގެ މަތިން އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް އުޖޫރައެއް ދޭންޖެހޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.


 


 


ކޮމިޓީގެ މުޤައްރިރު ވިދާޅުވީ ކޮމިޓީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު، މިއިސްލާހުތައް މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްޓަކައި މަޖިލީހުގެ ރައީސަށް ފޮނުއްވާނެ ކަމަށެވެ.