ވިޔަފާރި

ދަނޑުވެރިކަމަށް ފަޅުރަށްރަށް ދޫކުރުން ހުއްޓާލުމަށް އަންގައިފި

 


ދަނޑުވެރިކަން ކުރުމަށް ފަޅުރަށްރަށް ދޫކުރުމުގެ އެއްވެސް މަސައްކަތެއް މާލިއްޔަތު ކޮމެޓީން ވަކިގޮތެއް އަންގަންދެން ކުރިއަށް ނުގެންދިޔުމަށް މާލިއްޔަތު ކޮމެޓީން ފިޝަރީޒް މިނިސްޓްރީއަށް އަންގައިފިއެވެ.


 
މަޖްލީހުގެ އިދާރާއިން ފިޝަރީޒް މިނިސްޓަރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ސަރުކާރުގެ އިސްފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށްޓަކައި ފަޅު ރަށްތަކެއް ދޫކުރުމަށް ހަމަޖެހިފައިވާކަމުގެ މަޢުލޫމާތާއި އެރަށްރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރުމަށް ހުއްދަ ދިނުމަށް ކެބިނެޓުން ފާސްކޮށްފައިވާކަމުގެ މަޢުލޫމާތު އެކޮމެޓީއަށް ލިބިފައިވާކަމަށެވެ.


 
އެހެންކަމުން އެކޮމެޓީގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް އަންގަންދެން އެކަމާއިގުޅޭ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިޔުމަށް މާލިއްޔަތު ކޮމެޓީގެ  މުގައްރިރު ވިދާޅުވެފައިވާކަމަށެވެ.


 
ވަޒީރުންގެ މަޖްލީހުގެ މިދިޔަ ހަފްތާގެ ބައްދަލުވުމުގައި، ދިގު މުއްދަތަށް ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރެވޭ ފަޅުރަށްރަށުގައި، އިކޯ-އެގްރޯޓުއަރިޒަމްގެ ޚިދްމަތަށް ހުއްދަ ދެއްވާގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވާފައެވެ.


 
 


މި ހުއްދަ ދެއްވުމަށް ލަފާއެރުއްވީ، އެމަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާކުރެއްވުމަށްފަހުގައެވެ.