ސިޔާސީ

ޕީޕީއެމްގެ ރ.އަތޮޅު ކެމްޕެއިން އޮފީސް މާލޭގައި ހުޅުވައިފި

ޕީ.ޕީ.އެމްގެ ފަރާތުން ރ.އަތޮޅު ކެމްޕެއިން އޮފީހެއް ރޭ މާލޭގައި ހުޅުވައިފިއެވެ. ހެންވޭރު މީނާޒުގޭގައި މިއޮފީސް ހުޅުވައިދެއްވީ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމެވެ. ޕީ.ޕީ.އެމްގެ ފަރާތުން ހުޅުވި މިކެމްޕެއިން އޮފީހަކީ އެ ޕާޓީން މިފަދަ އޮފީހެއް ހުޅުވި ފުރަތަމަ ފަހަރު ކަމަށް ޕީ.ޕީ.އެމްއިން މައުލޫމާތުދެއެވެ. އަދި މި އޮފީސް ބޭނުން ކުރާނީ އިދާރީ މަސައްކަތްތައް ކުރުމުގެ އިތުރުން ކެމްޕެއިން ޖަގަހައެއްގެ ގޮތުގައި ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ. މީގެ އިތުރުން މާލޭގައި މިފަދަ އޮފީހެއް ހުޅުވުމުގެ ސަބަބުން ރ. އަތޮޅުގެ ރައްޔިތުންނާއި ޕީ.ޕީ.އެމްއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެ ފަރާތްތަކުގެ ޝަކުވާތައް ބަލައިގަނެ، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އެޕާޓީން ބުނެއެވެ. ޕީ.ޕީ.އެމް ކެމްޕެއިން އޮފީސް ހުޅުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިތުރުން ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާއި އެޕާޓީގެ ރަނިންގމޭޓް ޑރ. މުހައްމަދު ޖަމީލާއި، ޕީ.ޕީ.އެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުންނާއި އާންމު މެންބަރުން ބައިވެރިވިއެވެ.