ސިޔާސީ

ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް އިތުރުކުރަން ޤާނޫނު އަސާސީއަށް އިޞްލާޙު ހުށައަޅައިފި


ކައުސިލަރުންގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި އިޞްލާހުގެ ފުރަތަމަ ކިއުން އިއްވާފައެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ޤާނޫނު އަސާސީއަށް ގެންނަން ހުށައަޅާފައިވާ އިޞްލާޙުގައި ވަނީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމާއި ކައުންސިލުތަކުގެ ގޮނޑީގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމަށެވެ. އަދި ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ ރައީސުން ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާގޮތަށްވެސް ޤާނޫނު އަސާސީއަށް ގެންނަ އިޞްލާހުގައިވެއެވެ.

އަދި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅު ކައުންސިލުތަކުގެ މެންބަރުކަމުގައި ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަނޑައެޅުމަށްވެސް އިޞްލާޙުގައިވެއެވެ. މީގެ އިތުރުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށް އުންސިލުތަކަށް އާމްދަނީ އިތުރުވާނެ ގޮތްތައް ވަނީ ދިވެހިރާއްޖޭގެ އިދާރީ ދައިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށްވެސް ސަރުކާރުން އިޞްލާޙު ހުށައަޅާފައިވެއެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ލާމަރުކަޒީ ޤާނޫނަށް ހުށައަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި 5 މިލިޔަނަށްވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫޢުތައް ސެކްޓޯރަލް ގްރާންޓުގެ ގޮތުގައި ރަށު ކައުންސިލުތަކަށް ބަދަލުކުރުމަށްވެސް މި އިޞްލާޙުގައި ހިމަނާފައިވެއެވެ.

މި ޤާނޫނަށް ގެންނަ އިޞްލާޙުގައި ކައުންސިލުތަކުގެ ސަރަޙައްދުގެ އިޚްތިޞާޞްގައިވާ އެންމެހާ ޤުދުރަތީ އަދި އުމުރާނީ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުކުރުމަށް ވެސް ހިމަނާފައެވެ.

މި އިޞްލާޙުގައި ކައުންސިލުތަކަށް، ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އުފެއްދުމާއި ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާ ހަމަޖެއްސުމުގައި ކައުންސިލުގެ ދައުރެއް އޮންނަންޖެހޭނެ ކަމަށް ކަނޑައެޅުން ހިމެނެއެވެ. މީގެއިތުރުން ފެނާ ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް އެކައުންސިލަކުން އަމިއްލައަށް ފޯރުކޮށްދިނުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެގްރީމެންޓް ކުރުމުގެ ބާރު ކައުންސިލުތަކަށް ދިނުންވެސް އިޞްލާޙުގައި ހިމަނާފައިވެއެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާ އިޞްލާޙުގައި ކައުންސިލުތައް އިތުރަށް ޒިންމާދާރުކުރުމަށް މާއްދާތައް ހިމަނާފައި ވުމުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސްއޫލިއްޔަތު ބަޔާންކުރުމާއި ކޮމެޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައެއް ކަނޑައެޅުންފަދަ ކަންކަން މި އިޞްލާހުގައި ހިމެނެއެވެ.

ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެންނައުމުގެ ބޭނުމަކީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން، ކައުންސިލްތައް ބާރުވެރިކުރުވުމާއި މަރުކަޒީ ސަރުކާރަށް ބަރޯސާވުން ކުޑަކުރުމާއި، ޤުދުރަތީ އަދި ޢުމްރާނީ ވަސީލަތްތަކާ މެދު މާނަވީ ގޮތެއްގައި ގޮތް ނިންމުމުގެ ބާރު، ރައްޔިތުންނަށް ދިނުމާއި ޚިދުމަތްތަކާއި ތަރައްޤީގެ ކަންކަން އަވަސް މިނުގައި ކުރިއަށް ގެންދިއުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.